ތަރައްގީގެ މަޝްރޫއުތައް — ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ކުރި ހޭދަ 43 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީއަށް ހަރަދުކޮށްފައިވަނީ 3.4 ބިލިއަން ރުފިޔާ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް ހޭދަކުރި ހަ ބިލިއަން ރުފިޔާއަށްވުރެ 2.6 ބިލިއަން ރުފިޔާ މަދު އަދަދެކެވެ.
ދައުލަތުގެ ބަޖެޓުގައި މި އަހަރު ޕީއެސްއައިޕީއަށް 12.3 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.
ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން މި އަހަރު އެންމެ ބޮޑު ހޭދައެއްކުރީ އެއާޕޯޓް މަޝްރޫއުތަކަށެވެ. އެ ގޮތުން އެއާޕޯޓް މަޝްރޫއުތަކަށް 1.6 ބިލިއަން ރުފިޔާ ހަރަދުކުރި އެވެ.
ބްރިޖު މަޝްރޫއަށް 379.6 މިލިއަން ރުފިޔާ ހަރަދުކުރިިއިރު ބިން ހިއްކުމުގެ މަޝްރޫއުތަކަށް 303.2 މިލިއަން ރުފިޔާ އަދި މަގު ހެދުމުގެ މަޝްރޫއުތަކަށް 104.1 މިލިއަން ރުފިޔާ ހޭދަކުރި އެވެ.
ފެނާއި ނަރުދަމާ މަޝްރޫއުތަކަށް ހޭދަކުރީ 77.8 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމާއި ގުޅޭ އެކިއެކި މަޝްރޫއުތަކަށް 300.9 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.




