ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޕެސެންޖާ ޓާމިނަލް މިމަހުގެ ތެރޭގައި އިތުރު ހަތަރު އެއާލައިނެއް ބަދަލުކޮށް ހިދުމަތް ދޭން ފަށާނެ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.
ރާއްޖޭގެ މިނިވަން ދުވަސް ކަމަށްވާ ޖުލައި 26ގައި އާ ޓާމިނަލް ހުޅުވުމަށްފަހު މިހާތަނަށް އެ ޓާމިނަލުން ހިދުމަތް ދެމުން ދިޔައީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އާއި ޔޫއޭއީގެ ބަޖެޓް އެއާލައިން އެއާ އަރަބިއާ އަށެވެ. އަދި މިއަދު ވަނީ ރާއްޖޭގެ ބަޔަކު ހިއްސާވާ ލަގްޒަރީ އެއާލައިނެއް ކަމަށްވާ ބިއޮންޑް އަށްވެސް ހިދުމަތް ދޭން ފަށާފަ އެވެ.
އާ ޓާމިނަލުން މިމަހުގެ ތެރޭގައި ހަތަރު އެއާލައިނަކަށް ހިދުމަތް ދޭން ތައްޔާރުވި ނަމަވެސް އެ އެއާލައިންތަކުގެ މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެ އެވެ.
އެމްއޭސީއެލް އިން އަމާޒު ހިފާފައިވަނީ ވީއައިއޭ މިހާރު ބޭނުންކުރާ 34 އެއާލައިން ކުރިއަށް އޮތް ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އާ ޓާމިނަލަށް ބަދަލުކޮށް ހިދުމަތް ދޭށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހަދަން ފެށި އާ ޕެސެންޖާ ޓާމިނަލަށް 457 މިލިއަން ޑޮލަރު — ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިތަނުން އަހަރަކު 7.5 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.




