މަރުކަޒީ ބޭންކް — މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް — "ފަވަރަ" އިފްތިތާހުކުރި ފަހުން އެ ސިސްޓަމް މެދުވެރިކޮށް 23 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޓްރާންސްފާކޮށްފި އެވެ.
އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާ ފޮނުވޭ ފަވަރަ ހިދުމަތް އިފްތިތާހުކުރީ އޮގަސްޓް 26، 2023 ގަ އެވެ.
އެމްއެމްއޭ އިން އާންމުކުރި ޕޭމެންޓްސް ބުލެޓިންގައި ބުނީ ހިދުމަތް ތައާރަފު ކުރިފަހުން 2024 ގެ ނިޔަލަށް 7.7 މިލިއަނަށްވުރެ ގިނަ ޓްރާންސެޝަންކޮށް 23.7 ބިލިއަން ރުފިޔާ ފަވަރަ މެދުވެރިކޮށް ޓްރާންސްފާކޮށްފައިވާ ކަމަށެވެ.
ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާއި ބޭންކް އޮފް ސިލޯން (ބީއޯސީ)ގެ އިތުރުން މޮރިޝަސް ކޮމާޝަލް ބޭންކް އިން ފަވަރައިގެ ހިދުމަތް ލިބެ އެވެ.
މީގެ އިތުރުން ހަބީބް ބޭންކް ލިމިޓެޑް (އެޗްބީއެލް) އާއި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ސީބީއެމް)ގެ އިތުރުން ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑް (ދިރާގު ފިންޓެކް) އިން ވެސް ފަވަރަގެ ހިދުމަތް ލިބެ އެވެ.




