އއ. ތޮއްޑުއަށް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސީޕްލޭންގެ ހިދުމަތް ފެށުމަށް ނިންމައިފި އެވެ.
ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ތޮއްޑޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ތޮއްޑޫއަކީ ރާއްޖޭގެ އިގްތިސާދަށް ކުރިއެރުން ގެނެސްދިނުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ރަށެއް ކަމަށެވެ. އެގޮތުން ތޮއްޑޫގެ ލޯކަލް ޓޫރިޒަމް އާއި ދަނޑުވެރިކަމާއި އަދި މަސްވެރިކަމުގެ ދާއިރާ އިން ހޯދާ އާމްދަނީ ފާހަގަކުރެއްވި އެވެ.
"އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސީޕްލޭން ބޭސްއެއް ތޮއްޑޫގައި ގާއިމުކުރާނަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ތޮއްޑޫއަށް ސީޕްލޭން ދަތުރުތައް ފެށުމުން މޫސުން ގޯސް ދުވަސްތަކުގައި ފަތުރުވެރިން ތޮއްޑޫއަށް ގެންދިއުމަށް އުފުލަންޖެހޭ ދަތިތަކަށް ލުއިތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ. އަދި އެއްވެސް ރައްޔިތެއްގެ ކަންބޮޑުވުން އޮތް ނަމަ ހުށަހެޅުމަށްވެސް އެދިވަޑައިގެންނެވި އެވެ.




