ޖުލައި މަހުގެ އެކްސްޕޯޓް އިތުރުވެއްޖެ

ފާއިތުވި ޖުލައި މަހު ރާއްޖެއިން މުދާ އެކްސްޕޯޓްކުރި މިންވަރު 222 ޕަސެންޓް އިތުރުވެއްޖެ އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖުލައި މަހު ރާއްޖެއިން 210 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެ އެވެ.

ރާއްޖެއިން މިދިޔަ އަހަރުގެ ޖުލައި މަހު ބޭރުކުރީ 65 މިލިއަން ރުފިޔާގެ މުދަލެވެ.

ކަސްޓަމްސް އިން ހާމަކުރި ގޮތުގައި މިއަހަރުގެ ޖެނުއަރީ އިން ޖުލައިގެ ނިޔަލަށް 1.4 ބިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެ އެވެ. 2024 ވަނަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކުރީ 945 މިލިއަން ރުފިޔާގެ މުދަލެވެ.

ރާއްޖޭގެ އެކްސްޕޯޓް މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ މަހުގެ ބާވަތްތަކުގެ މައްޗަށް ކަމަށްވާއިރު މި އަހަރު އެންމެ ގިނައިން އެކްސްޕޯޓްކުރީ ގަނޑުކުރި / ފިނިކުރި ކަނޑުމަހާއި މަހުން އުފައްދާފައިވާ ތަފާތު ބާވަތްތަކެވެ.

ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރީ ތައިލެންޑަށެވެ. ތައިލެންޑަށް 809.44 މިލިއަން ރުފިޔާގެ މުދާ މި އަހަރު އެކްސްޕޯޓްުކުރިއިރު އިނގިރޭސިވިލާތަށް 252.46 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *