ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ ޕަބްލިކް ޑިރެކްޓަުރގެ މަގާމަށް ހުޅުވާލައިފި

ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޕަބްލިކް ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމު ހިއްސާދާރުންނަށް އެ ކުންފުނިން ހުޅުވާލައިފި އެވެ.

ޕަބްލިކް ޑިރެކްޓަރުގެ މަގާމަކީ މެޖޯރިޓީ ހިއްސާދާރުން ފިޔަވައި އެހެން ހިއްސާދާރުންގެ މެދުގައި ނެގޭ ވޯޓަކުން ހޮވޭ އާންމު ހިއްސާދާރުން ތަމްސީލުކުރާ ފަރާތެވެ. މި މަގާމަށް ހޮވޭ ފަރާތެއްގެ ދައުރަކީ އެ ފަރާތެއް އިންތިހާބުކުރާ އަހަރީ އާންމު ޖަލްސާއިން ފެށިގެން އޭގެ ފަހުން ބާއްވާ ދެވަނަ އަހަރީ އާންމު ޖަލްސާގެ ނިޔަލަށެވެ.

މި އިންތިހާބު އޮންނާނީ މި އަހަރުގެ އެޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިރާގުގެ 37 ވަނަ އަހަރީ އާންމު ޖަލްސާގައެވެ.

މި މަގާމަށް ޝަރުތު ހަމަވާ އާންމު ހިއްސާދާރުން ޕަބްލިކް ޑައިރެކްޓަރުކަމަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ސިޓީ އުރައެއްގައި ބަންދުކޮށް ދިރާގު ހެޑް އޮފީސް އަށް ކޮމްޕެނީ ސެކްރެޓަރީއަށް އެޑްރެސްކޮށް ނުވަތަ [email protected] އަށް މާޗް 12 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން މެއިލް ކުރަންޖެހެ އެވެ.

ދިރާގުން ބުނީ ހުށަހަޅާ އެޕްލިކޭޝަންތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން އިވެލުއޭޓްކޮށް ޝޯޓްލިސްޓް ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ބޯޑުގެ އާރްއެންޖީ ކޮމިޓީން ކަމަށެވެ.

މި ގޮތުން ޝޯޓްލިސްޓް ކުރުމަށްޓަކައި މަގާމަށް އެދި ހުށަހަޅައިފައިވާ ފަރާތްތަކާ އިންޓަވިއު ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށާއި އެއަށްފަހު ކޮމިޓީން ނިންމާ ނަންތައް ބޯޑުގެ ހުއްދައާއެކު އަހަރީ އާންމު ޖަލްސާގެ ނޯޓިސްގައި ހިމަނައި، ވޯޓަށް ހުށަހެޅޭނެ ކަމަށް ދިރާގުން ބުންޏެވެ.

މި މަގާމަށް ހޮވޭނީ އެންމެ ގިނަ ވޯޓު ލިބޭ ފަރާތެކެވެ.

ދިރާގުން ބުނި ގޮތުގައި ވޯޓު ދިނުމުގެ ފުރުސަތު ލިބޭނީ ޖަލްސާއަށް ހާޒިރުވާ، ނުވަތަ އޮންލައިންކޮށް ބައިވެރިވާ، ނުވަތަ ޖަލްސާގައި ހިއްސާދާރުން ތަމްސީލުކުރާ ފަރާތްތަކަށެވެ. ކޮންމެ ހިއްސާދާރަކަށް ނުވަތަ ހިއްސާދާރެއް ތަމްސީލުކުރާ ފަރާތަކަށް ވެސް ވޯޓު ދެވޭނީ އެ ފަރާތަކަށް ނިސްބަތްވާ ޖުމްލަ ހިއްސާގެ އަދަދަށް ކޮންމެ ހިއްސާއަކަށް ވޯޓެއްގެ އުސޫލުންނެވެ.

ދިރާގަކީ މިންތީގެ ހަމަހަމަކަމަށް އިސްކަންދޭ ކުންފުންޏަކަށް ވާތީ، ޝަރުތުހަމަވާ އަންހެން ހިއްސާދާރުން މި މަގާމަށް ކުރިމަތިލުމަށް ބާރު އަޅައި އެ ކުންފުނިން ވަނީ ހިތްވަރުދީފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *