މެކްސިކޯއިން އެންމެ ބޮޑަށް ހޯދަމުންދިޔަ އަދި ނުރައްކާތެރި "ޖަލިސްކޯ ނިއު ޖެނެރޭޝަން" ޑްރަގް ކާޓެލްގެ ލީޑަރު އެ ގައުމުގެ ސަލާމަތީ ބާރުތަކުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަރާލާފައިވާ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ހާމަކޮށްފި އެވެ.
"އެލް މެންޗޯ" ގެ ނަމުން މަޝްހޫރުވެފައިވާ ނެމޭސިއޯ އޮސެގުއޭރާ މަރުވީ އޭނާގެ ސަޕޯޓަރުންނާއި ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި ލިބުނު ސީރިއަސް އަނިޔާތަކަކަށް ފަރުވާދިނުމަށް މެކްސިކޯ ސިޓީއަށް ގެންދަނިކޮށް އާދީއްތަ ދުވަހު އެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ ޖަލިސްކޯ ސްޓޭޓްގެ ތަޕަލްޕާ އަވަށުގަ އެވެ.
މި ކުރިމަތިލުންތަކުގައި ކާޓެލްގެ ހަތަރު މީހަކު މަރުވެ، ސިފައިންގެ ތިން މީހަކަށް އަނިޔާވި އެވެ.
ލީޑަރު މަރާލުމާ ގުޅިގެން ކާޓެލްއިން ވަނީ ބަދަލުހިފުމުގެ ހަމަނުޖެހުން ހިންގައި، މަގުތައް ބަންދުކޮށް، އުޅަނދުތަކުގައި ރޯކޮށް، ސަލާމަތީ ބާރުތަކަށް ހަމަލާދީފަ އެވެ.
އުމުރުން 59 އަހަރުގެ އެލް މެންޗޯއަކީ ކުރިން ފުލުސް އޮފިސަރެކެވެ.




