ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
ADS BY OOREDOO
އެޗްޑީސީ އިން ބުނި ގޮތުގައި "ސިލްވަ ޖުބްލީ" ގެ ހަރަކާތްތައް މާޗް މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
އެ ގޮތުން ފުޅަނދުބުރާއި އާޓް ފެސްޓިވަލް ހިމެނޭ ގޮތަށް 10 ހަރަކާތެއް ކުރިއަށް ގެންދަން އެޗްޑީސީ އިން ވަނީ ނިންމާފަ އެވެ.
ފައުންޑޭޝަން ލެގަސީ – މާޗް
އެޗްޑީސީ އިން ބުނި ގޮތުގައި މި ހަރަކާތްތައް ފަށާނީ ކުންފުނީގެ ފައުންޑަރުންނާއި ގިނަ ދުވަހަށް ހިދުމަތް މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ހިންގާ "ފައުންޑާސް ޓްރިބިއުޓް" އަދި "ސިލްވަ ވޯކް ވިތު ޓީމް އެޗްޑީސީ" ފަދަ ހަރަކާތްތަކާއެކު އެވެ.
އެނިވާސަރީ ގާލާ އިވެންޓް – އޭޕްރީލް
މި އިވެންޓަކީ އެޗްޑީސީގެ 25 އަހަރުގެ ދަތުރުގައި ބައިވެރިވި ބޭފުޅުންނާއި ޕާޓްނަރުން ބައިވެރިވާނެ ހަފުލާއެކެވެ.
މި ހަފުލާގައި ކުންފުނީގެ ކުރިއެރުމަށް މަސައްކަތްކޮށް ދެއްވި ބޭފުޅުންނަށް އެވޯޑް ދިނުމަށް ހަމަޖެހިފައިވާއިރު "އަހަރެންގެ ހުޅުމާލެ" ފޮތް ރަސްމީކޮށް މި ހަފުލާގައި ނެރޭނެ އެވެ.
މައި ހުޅުމާލެ ފެސްޓިވަލް – މޭ
އާންމުންނަށް ހުޅުވާލައިގެން ބާއްވާ މި ހަރަކާތުގައި އާންމުންގެ ހުނަރާއި ސަގާފަތް އަދި ކުދި ވިޔަފާރިތަކަށް ހާއްސަ ފުރުސަތުތަކެއް ލިބިގެންދާނެ އެވެ.
ސިލްވަ ވޮއިސަސް – މޭ
އެޗްޑީސީ އިން ބުނި ގޮތުގައި މި ހަރަކާތަކީ އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކަށް ބައިވެރިވެވޭ ގޮތަށް ބާއްވާ ހަރަކާތެކެވެ.
އެޗްޑީސީ މުވައްޒަފުންގެ އަހަރީ ހަފުލާ – ޖޫން
މި ހަރަކާތަކީ ކުންފުނީގައި ހީވާގިކަމާއެކު މަސައްކަތްކުރާ މުވައްޒަފުންގެ ބުރަ މަސައްކަތާއި މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.
ފުޅަނދުބުރު – ޖުލައި
ރާއްޖޭގެ މިނިވަން ދުވަހާއި ގުޅުވައިގެން ޖުލައި މަހު ބާއްވާ ހަރަކާތްތަކުގައި އެޗްޑީސީން ފުޅަނދު ބައިވެރި ކުރުމަށް ވަނީ ނިންމާފަ އެވެ.
އާޓް ފެސްޓިވަލް 2026 – އޯގަސްޓް
މިއީ ފަންނުވެރިކަމާއި އުފެއްދުންތެރިކަން ފެނިގެންދާނެ ފެސްޓިވަލެކެވެ.
ކާނިވަލް – އޮކްޓޯބަރު
މުޅި އާއިލާއަށް ބައިވެރިވެވޭ ގޮތަށް ބާއްވާ މި ކާނިވަލުގައި ތަފާތު ކުޅިވަރުތަކާއި ކާބޯތަކެތި އަދި މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް ހިމެނޭނެ އެވެ.
އެނިވާސަރީ ސްޓާފް ރީޓްރީޓް – ނޮވެމްބަރު
ކުޑަގިރީގައި ބާއްވާ މި ހަރަކާތަކީ މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުން ބޭރުގައި ހިތްހަމަޖައްސާލުމަށާއި އެކަކު އަނެކަކާ އޮންނަ ގުޅުން ބަދަހިކުރުމަށް ލިބޭ ފުރުސަތެކެވެ.
ރީވައިންޑް 2026 – ޑިސެމްބަރު
އެޗްޑީސީގެ ސިލްވާ ޖުބްލީގެ ހަރަކާތްތައް ފާހަގަކުރުމަށް ފެށި ހަރަކާތްތައް ނިންމާލާނީ ޑިސެމްބަރު މަހު ބާއްވާ ރީވައިންޑް ހަރަކާތުންނެވެ.




