އަފްގާނިސްތާނާއި ޕާކިސްތާނުގެ ސިފައިންގެ މެދުގައި ދެ ގައުމުގެ ބޯޑަރު ސަރަޙައްދުގައި އަނެއްކާވެސް ނުރައްކާތެރި ކުރިމަތިލުންތަކެއް ހިނގައިފި އެވެ.
މި ކުރިމަތިލުންތައް ހިނގާފައި މިވަނީ ޕާކިސްތާނުން އަފްގާނިސްތާނަށް ދިން ވައިގެ ހަމަލާތަކަކާ ގުޅިގެން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ.
މިކަމާ ގުޅޭ ގޮތުން ކޮންމެ ގައުމަކުންވެސް ދަނީ ހަމަލާ ފެށީ އަނެއް ގައުމުން ކަމަށް ބުނެ ތުހުމަތު ކުރަމުންނެވެ.
އެ ގޮތުން އަފްގާނިސްތާނުގެ އިރުމަތީ ނަންގަރްހާރު ޕްރޮވިންސްގެ އިންފޮމޭޝަން ޑިޕާޓްމަންޓުގެ އިސްވެރިޔާ ޒަބީހުﷲ ނޫރާނީ ވިދާޅުވީ ބޯޑަރު ކައިރީގައި އޮންނަ ޝާހްކޯޓް ސަރަޙައްދުގައި ފުރަތަމަ ހަމަލާ ދިނީ ޕާކިސްތާނު ސިފައިން ކަމަށެވެ. މިހާރު ހަމަލާތައް ހުއްޓިފައިވާ ކަމަށާއި އަފްގާނިސްތާނުގެ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕާކިސްތާނު ސަރުކާރުގެ އޮފިޝަލެއް ކަމަށްވާ މުޝައްރަފް ޒައިދީ ތުހުމަތު ކުރެއްވި ގޮތުގައި، ބޯޑަރު ސަރަޙައްދުގައި އަފްގާނިސްތާނު ސިފައިން އެއްވެސް ޖެހިލުމެއް ނެތި ހަމަލާ ދިން ކަމަށާއި ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ވަގުތުން ރައްދު ދީ، ތާލިބާނުންގެ ހަމަލާތައް ހުއްޓުވާފައިވާ ކަމަށެވެ.




