ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު މިއަދުން ފެށިގެން ހެޔޮކޮށްފި އެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި މި ބަދަލަކީ ރޯދަމަހު އާންމުކޮށް ބޭނުންކުރާ މިފަދަ ތަކެތީގެ އަގުތައް ކުޑަކޮށް، ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށް އެޅި ފިޔަވަޅެކެވެ.
އަގުތަކަށް އައި ބަދަލަށް ބަލާއިރު ކުރިން 12 ރުފިޔާއަށް ވިއްކި ފިޔާ ކިލޯއެއް މިހާރު 10 ރުފިޔާއަށް ވަނީ ހެޔޮކޮށްފަ އެވެ. އަދި ފިޔާ ބަސްތާއެއްގެ އަގު 250 ރުފިޔާއިން 190 ރުފިޔާއަށް ވަނީ ހެޔޮކޮށްފަ އެވެ.
އަލުވީގެ އަގަށް ގެނައި ބަދަލާއެކު، ކުރިން 14 ރުފިޔާއަށް ލިބުނު ކިލޯއެއް މިހާރު ލިބޭނީ 12 ރުފިޔާއަށެވެ. އަދި އަލުވި ބަސްތާއެއްގެ އަގު ވަނީ 300 ރުފިޔާއިން 160 ރުފިޔާއަށް ބޮޑުތަނުން ހެޔޮކޮށްފަ އެވެ.
މީގެ އިތުރުން ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގުތައް ކޮންޓްރޯލްކޮށް އެއް ހަމައެއްގައި ބެހެއްޓުމަށާއި ރައްޔިތުންނަށް ދަތިކަމެއް ނެތި އެ ތަކެތި ލިބޭނެ މަގު ފަހިކޮށްދިނުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.
އެސްޓީއޯއިން އެތެރެކުރާ އަސާއީ ކާބޯތަކެތީގެ ބާވަތްތައް އާންމުންނަށް ވަކިން ގަންނަން ލިބޭނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރަތަކުންނެވެ. ހަމައެއާއެކު، ގަނޑުކޮށް މި ތަކެތި ބޭނުންވާ ފަރާތްތަކަށް އެސްޓީއޯގެ ހޯލްސޭލް ސެންޓަރުތަކުން އެ ތަކެތި ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ.




