އީރާނުން އިޒްރޭލަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ފޮނުވާލާފައިވާ ކަމަށް އިޒްރޭލު އަސްކަރިއްޔާއިން ބުނެފި އެވެ.
އިޒްރޭލާއި އެމެރިކާއިން މިއަދު އީރާނަށް ހަމަލާ ދޭން ފަށާފައިވާއިރު ރައްދުގައި އީރާނުން ފޮނުވާލި މިސައިލްތައް އިޒްރޭލާ ދިމާލަށް އަންނަ ކަމަށާއި އެއާއެކު އިޒްރޭލުގައި އިންޒާރުގެ ރަނގަބީލު އަޅަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އިޒްރޭލުން ބުނީ މިސައިލްތައް ވައިގެ ތެރޭގައި ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ދިފާއީ ނިޒާމަކީ ހުރިހާ ހަމަލާއަކުން ފުރިހަމައަށް ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ނިޒާމެއް ނޫން ކަމަށާއި އެހެންވެ ކަމާބެހޭ އިދާރާތަކުން ދޭ ސަލާމަތީ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އިޒްރޭލުން ވަނީ އެ ގައުމުގެ އާންމުންނަށް އަންގާފަ އެވެ.
އިޒްރޭލާއި އެމެރިކާ އިސްވެ މިއަދު ވަނީ އީރާނަށް ހަމަލާދީފަ އެވެ.
ހަނގުރާމަ ފެށުމާއެކު އީރާނާއި އިޒްރޭލު އަދި އިރާގުގެ ވައިގެ ސަރަހައްދު ވަނީ ބަންދުކޮށްފަ އެވެ.




