މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން އިޖުތިމާއީ ޒިންމާގެ ދަށުން ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ "އެމްޑަބްލިޔުއެސްސީ ރޯދަ ސުފުރާ" މި އަހަރުވެސް މުޅި ރޯދަމަހު ކުރިއަށްގެންދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ނިމިދިޔަ ރަމަޟާން މަހު މި ޕްރޮގްރާމަށް އާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާއި އެއްބާރުލުމާ ގުޅިގެން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެމްޑަބްލިޔުއެސްސީ އިން އަންނަނީ މި ހަރަކާތް ކުރިއަށް ގެންދަމުންނެވެ.
"އެމްޑަބްލިޔުއެސްސީ ރޯދަ ސުފުރާ 1447″ ގެ ދަށުން ކޮންމެ ދުވަހަކުވެސް ރޯދަ ވީއްލުމަށް ބޭނުންވާ "އިފްތާރް މީލް ޕެކް" ބެހުމުގެ މަސައްކަތް ކުރިއަށްގެންދެ އެވެ.
މިއީ ރަމަޟާން މަހުގެ މަތިވެރި ރޫހާ އެއްގޮތަށް އެކަކު އަނެކަކަށް އެހީތެރިވެ އެކުވެރިކަމާއި އޯގާތެރިކަން އާލާކުރުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުންޏެވެ. މީގެ އިތުރުން މިއީ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮންނަ އެއްބައެއްވަންތަކަމާއި ބަދަހި ގުޅުން ދެމެހެއްޓުމަށާއި އިޖުތިމާއީ ރޫހު ވަރުގަދަކުރުމަށް އެމްޑަބްލިޔުއެސްސީ އިން ކުރާ މުހިންމު މަސައްކަތެކެވެ.
"އިފްތާރް މީލް ޕެކް" ބެހުމުގެ ހަރަކާތް ކުރިއަށްދާނީ ފެން ބިލްޑިންގެ މައި ދޮރުމަތީގައި މިކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޓެންޓުގަ އެވެ.
މި ޕްރޮގްރާމުގައި ބައިވެރިވެ، ރޯދަވީއްލުމަށް ބޭނުންވާ ތަކެތި ހަދިޔާކުރުމުގެ ފުރުސަތު އެމްޑަބްލިޔުއެސްސީގެ މުވައްޒަފުންނަށާއި އާންމު ރައްޔިތުންނަށް ވަނީ ހުޅުވާލާފަ އެވެ.
އެ ގޮތުން ގޭގައި ތައްޔާރުކުރާ ކާބޯތަކެތި ކޮންމެ ދުވަހަކު ހަވީރު 4:30 އިން 5:45 އާ ދެމެދު މި ޓެންޓަށް ގެންދެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުންޏެވެ.
ސިއްހީ ރައްކާތެރިކަމަށް ބަލައި، ހަދިޔާކުރާ ތަކެތި ހުންނަން ވާނީ ފޮއިލް ކޮންޓޭނަރުގައި ރަނގަޅަށް ބަންދުކޮށްފައި ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުނެފައިވެ އެވެ.
މި ހަރަކާތަކީ ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، މުޖުތަމައަށް ފައިދާހުރި ކަންކަން ކުރުމުގައި އެމްޑަބްލިޔުއެސްސީ އިން ދޭ ސަމާލުކަމާއި އިޖުތިމާޢީ ކަންކަމުގައި އެ ކުންފުނިން އަދާކުރާ މުހިންމު ދައުރު ރަމްޒުކޮށްދޭ ކަމަށް އެ ކުންފުނިން ދެކެ އެވެ.




