ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓްގެ ނަން ބަދަލުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑްގެ ނަން، "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޑިވެލޮޕްމަންޓް ލިމިޓެޑް" އަށް ބަދަލުކުރައްވައިފި އެވެ.

މިކަން އިއުލާނުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އިއްޔެ އެވެ.

ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑަކީ ރާއްޖެ ބައިނަލްއަގުވާމީ މާލީ މަރުކަޒަކަށް ހަދައި، އިގްތިސާދު ކުރިއެރުވުމަށް 2025 ވަނަ އަހަރު އުފެއްދި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏެކެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ޑިޖިޓަލް ފައިނޭންސާއި، ރިއަލް އެސްޓޭޓާއި، ފައިނޭންޝަލް ޓޫރިޒަމް އަދި ބޭންކިން ފަދަ މާލީ ޚިދުމަތްތައް ރާއްޖޭގައި ތަރައްގީކޮށް ތަންފީޒުކުރުމެވެ.

މި ކުންފުނީގެ ނަން، ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑްގެ ނަމަށް ބަދަލުކުރަން ނިންމީ، ކުންފުނީގެ ނަމާއި ކުންފުނީގެ މަގުސަދުތަކަށް ބަދަލު ގެނައުމަށް ކުންފުނީގެ ބޯޑުން ނިންމުމުންނެވެ.

އެ ގޮތުން، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި ޑިޖިޓަލް ފައިނޭންޝަލް ހިދުމަތްތަކާއި ޑިޖިޓަލް ބޭންކިންގެ ހިދުމަތްތަކާއި، ޑިޖިޓަލް ރިއަލް އެސްޓޭޓާއި، ފައިނޭންޝަލް ޓޫރިޒަމް ހިމެނޭ ގޮތުން، މާލީ ހިދުމަތްތަކުގެ ސިނާއަތު ރާއްޖޭގައި ކުރިއަރުވައި، ބައިނަލްއަގުވާމީ މާލީ ހިދުމަތްތަކުގެ މަރުކަޒަކަށް ރާއްޖެ ހެދުން ކުންފުނީގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

މީގެ އިތުރުން، ރާއްޖޭގެ ސަރަހައްދުގެ އިސްތިރާޖީ މަންފާ އެންމެ އެދެވޭ ގޮތެއްގައި ހާސިލުކުރުމާއި، "ތިލަދުންމަތީ އުތުރުބުރީ އިހަވަންދިއްޕޮޅު" ތަރައްޤީކުރުމާއި އެ މަޝްރޫޢު ވިލަރެސްކުރުމާއި ތަންފީޒުކުރުމުގެ އެންމެހައި މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި މެދުކެނޑުމެއްނެތި ކުރުމުގެ މަގުސަދު ހާސިލުކޮށް، އެ ލަނޑުދަނޑިތަކަށް ސީދާ ވާސިލުވުމަށް ހާއްސަވެފައިވާ ކުންފުންޏެއްގެ ގޮތުގައި އެ ކުންފުނި ހަރަކާތްތެރިވެ، އެ ތަސައްވުރާ އެއްގޮތަށް އޮތުމަކީ އިސްތިރާޒީ ގޮތުން ކުންފުނީގެ މަސައްކަތްތައް ހިންގުމަށް މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ވަނީ ބަޔާންކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *