އެމެރިކާ އާއި އިޒްރޭލުން އީރާނުގެ އާންމުންގެ 6،000 އަށްވުރެ ގިނަ ތަންތަނަށް ހަމަލާދީފި އެވެ.
ރެޑް ކްރެސެންޓުން ބުނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ފެށި ހަނގުރާމައިގައި މިހާތަނަށް އީރާނުގެ އާންމުންގެ ގޯތި ގެދޮރާއި ސްކޫލު ހިމެނޭ ގޮތަށް 6،668 އަށްވުރެ ގިނަ ތަންތަނަށް އެމެރިކާ އާއި އިޒްރޭލުން ހަމަލާދީފައިވާ ކަމަށެވެ.
މީގެ ތެރޭގައި އާންމުންގެ 5،535 ގޯތިގެދޮރާއި ވިޔަފާރިކުރާ 1،041 ތަނެއް ހިމެނެ އެވެ. މީގެ އިތުރުން ސިއްހީ ފަރުވާ ދޭ 14 ތަނަކާއި 65 ސްކޫލާއި އީރާނުގެ ރެޑް ކްރެސެންޓްގެ 13 މަރުކަޒެއް ހިމެނެ އެވެ.
އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތަކުގައި މީހުން ސަލާމަތްކުރުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންކުރާ ބައެއް އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އީރާނުގެ ރެޑް ކްރެސެންޓުން ބުނެފައިވެ އެވެ. މީގެ އިތުރުން މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނު ރެޑް ކްރެސެންޓުގެ ބައެއް މުވައްޒަފުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.




