އަންނަ އަހަރު ދައުލަތުގެ ބަޖެޓުން ލޯކަލް ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ދިނުމަށް ނިންމާ، އެކަމުގެ ތަފްސީލްތައް ފިނޭންސް މިނިސްޓްރީން ކައުންސިލްތަކާ ހިއްސާކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ކައުންސިލްތަކުގެ އަންނަ އަހަރުގެ ބަޖެޓު ހަދަންވާނީ އެ މިނިސްޓްރީގެ ފޯމެޓަށް އަދި ބްލޮކް ގްރާންޓުގެ ގޮތުގައި ލަފާކޮށްފައިވާ އަދަދަށް ވުރެ ބޮޑު ނުވާނެހެން ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ 2028 ވަނަ އަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 2.6 ބިލިއަން ރުފިޔާއަށް އިތުރުކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ބްލޮކް ގްރާންޓުގެ 10 ޕަސަންޓް ލިބެނީ މާލެ ސިޓީ ކައުންސިލަށެވެ. އެއީ 231 މިލިއަން ރުފިޔާ އެވެ. އައްޑޫ ސިޓީ ކައުންސިލަށް 93 މިލިއަން ރުފިޔާ، ފުވައްމުލަކު ސިޓީ ކައުންސިލަށް 67 މިލިއަން ރުފިޔާ، ކުޅުދުއްފުށި ސިޓީ ކައުންސިލަށް 57 މިލިއަން ރުފިޔާ އަދި ތިނަދޫ ސިޓީ ކައުންސިލަށް 46 މިލިއަން ރުފިޔާ ލިބެ އެވެ.
ކައުންސިލްތަކަށް ގްރާންޓް ފައިސާ ދޫކުރުމުގައި ކުރިން އަމަލުކުރަމުން އައީ އެ ރަށެއްގެ އާބާދީއަށް ބަލައިގެންނެވެ. ނަމަވެސް މިސަރުކާރުން ވަނީ އާބާދީގެ އިތުރުން ރަށުގެ ބޮޑުމިނާއި އަތޮޅު ވެރިކަން ކުރާ ރަށާއި މާލެއާ ދެމެދު ހުރި ދުރުމިނަށް ބެލުމަށްވެސް ނިންމާފަ އެވެ. އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީން ކަނޑައަޅާ ޕާފޯމަންސް އިންޑިކޭޓަރުތަކަށް ބަލައި ކައުންސިލްތަކަށް ލިބޭ ސްކޯއަށްވެސް ގްރާންޓް ދިނުމުގައި ރިއާޔަތް ކުރުމަށް ހަމަޖެހިފައިވެ އެވެ.
ދައުލަތުގެ ބަޖެޓުން ލޯކަލް ކައުންސިލްތަކަށް ގްރާންޓުގެ ގޮތުގައި ފައިސާ ދޫކުރަން ފެށީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2020 ވަނަ އަހަރުން ފެށިގެންނެވެ. ކައުންސިލްތަކަށް މިދިޔަ އަހަރު ބްލޮކް ގްރާންޓުގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ދޫކޮށްފައިވާއިރު މި އަހަރުގެ މިހާތަނަށް ކައުންސިލްތަކަށް 1.5 ބިލިއަން ރުފިޔާ ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކޮށްފައިވެ އެވެ.




