ޔަމަނުގެ ހޫތީ ހަނގުރާމަވެރިން މަންދޫބުންނާ އެކު އެމެރިކާގެ އޮފިޝަލުންތަކެއް ސިއްރު ބައްދަލުވުމެއް ބާއްވައިފި އެވެ.
ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އޮމާންގެ ވެރިރަށް — މަސްކަޓްގައި ހުންނަ އެމެރިކާގެ އެމްބަސީގައި މިދިޔަ ހަފްތާ ބަންދުގައެވެ.
ހޫތީ ޖަމާއަތަކީ އިރާނުގެ އަސްކަރީ އެހީތެރިކަން ލިބޭ ޖަމާއަތެކެވެ. އެހެންވެ ހޫތީންގެ ހަމަލާތައް ވަރުގަދަވެ، ރަތްކަނޑުގެ އައްސޭރިފަށުގެ މުހިއްމު ސަރަހައްދުތައް ހޫތީން ވަނީ އެ މީހުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. އަދި އަވަށްޓެރި ސައުދި އަރަބިއްޔާގެ ސިފައިން ހޫތީންނަށް ހަމަލާދޭތީ އެ ޖަމާއަތުގެ ހަނގުރާމަވެރިން ދަނީ މިދުވަސްވަރު ސައުދީގެ އެކި ތަންތަނަށް ހަމަލާދީ ނުރައްކާކުރަމުންނެވެ.
ހޫތީންގެ ނުރައްކާ ބޮޑުވެފައިވާ މިދަނޑިވަޅުގައި އޮމާން މެދުވެރިވެގެން ބޭއްވި މިބައްދަލުވުގައި ހޫތީ ޖަމާއަތް ތަމްސީލްކޮށްފައިވަނީ މުހައްމަދު އަބްދުއްސަލާމާއި އަބްދުލްމަލިކް އަލްއަޖީރީ ކިޔާ ދެ ބޭފުޅުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. މި ދެ ބޭފުޅުންނަކީ އެމެރިކާ އިން ގެންގުޅޭ ބްލެކްލިސްޓެއްގައި ހިމެނޭ އަދި އެމެރިކާ އިން ދަތިކުރުމުގެ ގޮތުން ފިޔަވަޅުތައްވެސް އަޅާފައިވާ ދެ ބޭފުޅުން ކަމަށްވެ އެވެ. މިބައްދަލުކުރުމުގައި އެމެރިކާ ތަމްސީލް ކުރީ އެމްބަސީގެ އެންމެ އިސް މުވައްޒަފުން ކަމަށްވެ އެވެ.
އެމެރިކާ އިން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހޫތީ ޖަމާއަތާއެކު ބައްދަލުވުމެއް ބޭއްވިކަން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އަދި ޔަގީންކޮށްދީފައެއް ނުވެ އެވެ. އެކަމަކު ހޫތީންނާ ވާހަކަދެއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާގެ އިސް އޮފިޝަލުން ކުރިން ވިދާޅުވެފައިވެ އެވެ.
ހޫތީން ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން 2025 ވަނަ އަހަރު އެމެރިކާއާ އެކު ހަދާފަ އެވެ. އެހެންވެ އޮމާންގައި ބޭއްވި ބައްދަލުވުމުގައި އެމެރިކާއާއި އިޒުރޭލުގެ ބޯޓުތަކަށް ހަމަލާ ނުދޭނެ ކަމުގެ ޔަގީންކަމެއް ހޫތީން އެމެރިކާއަށް ދީފައިވާ ކަމަށް ރޮއިޓާސް އިން ބުނެ އެވެ. އެކަމަކު ސައުދީ ސަލާމަތީ ބާރުތަކުން ހޫތީންނަށް ހަމަލާދޭނަމަ ސައުދީގެ އުޅަނދުތަކަށް ހަމަލާދޭނެ ކަމަށް ހޫތީން ބުނި ކަމަށްވެސް ރިޕޯޓްކޮށްފައިވެ އެވެ.




