އީރާނުގެ މިސައިލް ހަމަލާތައް އިސްރާއީލުގެ ގިނަ ސިޓީތަކަށް އަމާޒުވެއްޖެ

އީރާނުގެ މިއަދު ފޮނުވާލި މިސައިލް ހަމަލާތައް އިސްރާއީލުގެ ގިނަ ސިޓީތަކަށް އަމާޒުވެއްޖެއެވެ.

އިސްރާއިލުގެ އަސްކަރިއްޔާ، އައިޑީއެފްގެ އިބްތިދާއީ އެސެސްމަންޓްތައް ބުނާގޮތުގައި އީރާނުން އިސްރާއީލާ ދިމާލަށް ގާތްގަނޑަކަށް 15 ބެލިސްޓިކް މިސައިލްތައް ފޮނުވާލާފައި ވަނީ ވަކިވަކިންނެވެ. މިގޮތުން މިސައިލް ހަމަލާގެ 4 ރާޅެއް އިސްރާއީލަށް އަމާޒުކޮށް ފޮނުވާލާފައި ވެއެވެ.

މިގޮތުން ގާތްގަނޑަކަށް 40 މިނެޓުގެ ތެރޭގައި ގިނަ ހަމަލާތަކެއްގައި މި މިސައިލްތައް ފޮނުވާލާފައިވާއިރު، މިއީ މި ހަނގުރާމައިގެ ތެރޭގައި އީރާނުން އެންމެ ގިނައިރު ވަންދެން އެއްފަހަރާ ދިން މިސައިލް ހަމަލާ ކަމަށް އައިޑީއެފް އިން ބުނެފައި ވެއެވެ.

އިސްރާއީލުގެ ރިޕޯޓްތަކުން ދައްކާ ގޮތުގައި މަދުވެގެން ހަތަރު ސަރަހައްދަކަށް ހަމަލާ އަމާޒުވި ކަމަށާއި، އޭގެ ތެރޭގައި އަޝްދޯދުވެސް ހިމެނޭ ކަމަށެވެ. މީގެ އިތުރުން ހުޅަނގު ގުދުސްގެ ދެކުނަށްވެސް ހަަމަލާ އަމާޒުވި ކަމަށް ބުނެފައި ވެއެވެ.

އަދި ތެލްއަވީވް އާއި އަޝްކެލޮންއަށްވެސް ހަމަލާއެއް އަމަޒުވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިތަންތަނަށް ލިބުނު ގެއްލުންތަކުގެ ތަފްސީލު ނޭނގޭއިރު، އަސަރުކޮށްފައިވާ ސަރަޙައްދުތަކުން މައުލޫމާތު ނުވަތަ ވީޑިއޯ އާއްމުކުރުމާއި ބެހުން އިސްރާއިލުން ވަނީ މަނާ ކޮށްފައެވެ. އަދި އަސްކަރީ ސެންސާޝިޕްގެ އެންގުންތަކާއި ހިލާފުވާ ފަރާތްތައް ޖޫރިމަނާގެ ގޮތުގައި ޖަލަށްލުމަށް ނިންމާފައި ވެއެވެ.

އެހެންކަމުން ހަމަލާ އަމާޒުވެފައި ވަނީ ކޮންތަނެއްގައި ތޯ އާއި ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް މީޑިއާތަކަށް ނޭނގެއެވެ.

ޖޫން މަހުގެ 13 ވަނަ ދުވަހު އިސްރައިލުން އީރާނަށް ހަމަލާދޭން ފެށި ފަހުން އީރާނުން ވަނީ ގާތްގަނޑަކަށް 450 ބެލިސްޓިކް މިސައިލް އިސްރާއިލަށް ފޮނުވާލައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *