ފަލަސްތީނަށް މިނިވަން ދައުލަތަކަށް ތާއީދުކޮށް ކެނެޑާއިން ވަކާލާތުކުރާ ނަމަ އަދި އެކަން ގަބޫލުކޮށް ސިޔާސަތަކަށް ހަދައިފި ނަމަ، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ހީނަރުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ސިޔާސަތުން ބޭރުން އެއްވެސް ގައުމަކުން ފަލަސްތީނަށް ތާއީދުކުރުމަކީ ރަނގަޅު ނަތީޖާއެއް އޮތް ކަމެއް ނޫން ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ..
ކެނެޑާގެ ބޮޑުވަޒީރު މާކް ކާނޭ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ބުދަދުވަހު ވިދާޅުވީ، މެދުއިރުމަތި ސުލްހަކުރުމަށް އޮތް ހަމައެކަނި މަގަކީ އިޒުރޭލަށް މިނިވަން ދައުލަތެއް އޮތް ފަދައިން ފަލަސްތީނަށް ވެސް މިނިވަން ދައުލަތެއް ލިބުން ކަމަށެވެ.
ކެނެޑާ އޮތީ ފަލަސްތީނަށް މިނިވަން ދައުލަތެއް ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ތައްޔާރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ސެޕްޓެމްބަރުގައި ފަލަސްތީންގެ މިނިވަން ދައުލަތް ކެނެޑާއިން ބަލައިގަންނާނެ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުން ކެނެޑާއިން ފަލަސްތީންގެ ދައުލަތް ގަބޫލުކޮށްފި ނަމަ، މިނިވަން ވިޔަފާރީގައި ކެނެޑާ އާއެކު ވަކި ސިޔާސަތެއް ދެމެއްޓުމަކީ އެމެރިކާއަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އިގުތިސާދީ ގޮތުން ހަރުކަށި އުސޫލުތަކެއް ކެނެޑާ ތަހަންމަލުކުރަން ޖެހިދާނެ ކަމަށް ވެސް އެމެރިކާގެ ރައީސް ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރު ސްޓެމާ ވެސް ވަނީ އިޒުރޭލަށް އިންޒާރުދެއްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުން ޣައްޒާއަށް ދެމުންދާ ހަމަލާތައް އިޒުރޭލުން ހުއްޓާލައި، ސުލްހައިގެ އެއްބަސްވުމެއް ނުހަދައިފި ނަމަ ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ފަލަސްތީނަށް މިނިވަން ދައުލަތަަކަށް އިނގިރޭސިވިލާތުން ތާއީދުކުރާނެ އެވެ.
ފަރަންސޭސި ވިލާތުން ވެސް ވަނީ އަންނަ ސެޕްޓެމްބަރުގައި ފަލަސްތީންގެ މިނިވަން ދައުލަތް ގަބޫލުކުރާނެ ކަމަށް ބުނެފަ އެވެ.




