އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަތުން ވަގުތީގޮތުން ހުއްޓާލައިފި

އެމެރިކާގެ ފިއްތުއްތަކާ ގުޅިގެން އިންޑިއާއިން ރަޝިއާގެ ތެޔޮ ގަތުން ވަގުތީގޮތަށް ހުއްޓާލައިފި އެވެ.

އިންޑިއާގެ ނިންމުމާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ރަޝިއާ އިން ތެޔޮ ގަންނަ ނަމަ އެމެރިކާއިން އިންޑިއާއަށް ޓެރިފް ނަގާނެ ކަމުގެ އިންޒާރު ދިނުމާއި ރަޝިއާއިން ތެލުގެ އަގަށް ދެމުންދިޔަ ޑިސްކައުންޓްތައް މަދުވުމުގެ ސަބަބުން އިންޑިއާގެ ސަރުކާރު ހިއްސާވާ ތެޔޮ ރިފައިނަރުން ވަނީ ރަޝިއާގެ ތެޔޮ ގަތުން މަޑުޖައްސާލާފަ އެވެ. ނަމަވެސް، އިންޑިއާއަށް އެތެރެކުރާ ތެލުގެ 60 އިންސައްތަ ގަންނަ އަމިއްލަ ރިފައިނަރުން އަދިވެސް ރަޝިއާގެ ތެޔޮ ގަތުން ކުރިއަށް ގެންދެ އެވެ.

އިންޑިއާގެ ސަރުކާރުން ވަނީ ރަޝިއާގެ ތެޔޮ ގަތުން ހުއްޓާލުމަށް އެއްވެސް ރަސްމީ އިރުޝާދެއް ދީފައި ނުވާނެ ކަމަށް ބުނެފަ އެވެ.

ރަޝިއާ އިން ތެޔޮ ގަތުން މަޑުޖައްސާލުމާއެކު، އިންޑިއާގެ ސަރުކާރު ހިއްސާވާ ރިފައިނަރުންނާއި ރިލަޔަންސް ފަދަ ބޮޑެތި ކުންފުނިތައް ވަނީ ތެޔޮ ހޯދުމަށް މެދުއިރުމަތީގެ ގައުމުތަކަށާއި ހުޅަނގު އެފްރިކާއަށް އަނބުރާ ރުޖޫއަވާން ފަށާފަ އެވެ.

އިންޑިއާއިން ރަޝިއާގެ ތެޔޮ ގަތުން މުޅިން ހުއްޓާލައިފިނަމަ، އިންޑިއާގެ އިމްޕޯޓް ބިލް 14 ބިލިއަން ޑޮލަރަށް މައްޗަށް އަރާފާނެ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

މީގެ އިތުރުން އިންޑިއާއިން ރަޝިއާގެ ތެޔޮ ގަންނަމުން ދިއުމުގެ ސަބަބުން ބައިނަލްއަގްވާމީ ތެލުގެ އަގު މައްޗަށް ނުގޮސް އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދީފައިވެ އެވެ. އެހެންކަމުން އިންޑިއާއިން ރަޝިއާގެ ތެޔޮ ގަތުން ހުއްޓާލުމުގެ ސަބަބުން އިންޑިއާ އާއި ހުޅަނގުގެ ގައުމުތަކަށް އިގްތިސާދީ ގޮތުން ލިބޭނެ ގެއްލުންތަކެއް ހުންނާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *