ތައިލޭންޑަށް ބޯކޮށް ވާރޭގެ ސަބަބުން ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު 22އަށް އިތުރުވެއްޖެ އެވެ.
ފެންބޮޑުވުމުގެ ސަބަބުން ތައިލެންޑްގެ އެކި ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް ހާސް ބަޔެއްގެ ދިރިއުޅުމަށް ވަނީ އަސަރުކޮށްފަ އެވެ.
ތައިލޭންޑުގެ 19 ޕްރޮވިންސެއްގައި 370,000 އަށް ވުރެ ގިނަ މީހުންނަށް ފެންބޮޑުވުމުގެ ސަބަބުން ވަނީ އަސަރުކޮށްފަ އެވެ.
ކޯރުތަކުގެ ފެންގަނޑު ބަންޑުންވެފައިވާއިރު އެންމެ ބޮޑެތި ގެއްލުންތައް ލިބިފައިވަނީ ބެންކޮކުގެ އުތުރުގައި އޮންނަ އުއްތަރަދިތާއި އަޔުއްތަޔާ ސަރަހައްދަށެވެ.
ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ތައިލޭންޑުގެ ބޮޑުވަޒީރު އަނޫތިން ޗާންވީރަކުލް ވަނީ އޮކްޓޯބަރު ހަވަނަ ދުވަހު ފެންބޮޑުވުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބިފައިވާ 16 ޕްރޮވިންސަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އަމުރުކުރައްވާފަ އެވެ. ގައުމުގެ މެދުތެރެއާއި އުތުރާއި އުތުރު އިރުމަތީ ސަރަހައްދުތަކުގައި 100,000އަށް ވުރެ ގިނަ ގޭބިސީއަށް މި ކާރިސާގެ ސަބަބުން ގެއްލުންތައް ކުރިމަތިވެފައިވެ އެވެ.
މަރުވި މީހުންގެ ތެރެއިން ފަސް މީހުން ނިސްބަތް ވަނީ އެންމެ ބޮޑަށް ގެއްލުން ލިބިފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ އުއްތަރަދިތަށެވެ. އެ ސަރަހައްދުގެ ރައްޔިތުން ދަނީ ރައްކާތެރިކަން ހޯދުމަށްޓަކައި އުސް ހިސާބުތަކަށް ދިރިއުޅުން ބަދަލުކުރަމުންނެވެ. މި ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރާއި އެހީދޭ ޖަމިއްޔާތަކުން ދަނީ އިތުރު މަސައްކަތްތަކެއް ކުރަމުންނެވެ.




