ލުބުނާނާއި ސީރިއާ ގުޅޭ ބޯޑަރު ސަރަހައްދަށް އިޒްރޭލުން ދިން ހަމަލާއެއްގައި މަދުވެގެން ހަތަރު މީހުން މަރުވެއްޖެ އެވެ.
ލުބުނާންގެ ޕަބްލިކް ހެލްތު މިނިސްޓްރީން ބުނީ ގޮތުގައި މި ހަމަލާ ދީފައިވަނީ ހޯމަ ދުވަހު ފަތިހު ލުބުނާނާއި ސީރިއާ ގުޅޭ ބޯޑަރު ސަރަޙައްދުގައި ދަތުރުކުރި އުޅަނދަކަށެވެ.
މި ހަމަލާގެ ޒިންމާ އުފުލަމުން އިޒްރޭލުން ބުނީ ހަމަލާ ދިނީ ލުބުނާނުގައި ހަރަކާތްތެރިވާ ފަލަސްތީނު އިސްލާމިކް ޖިހާދުގެ މެންބަރުންނަށް ކަމަށެވެ. މިކަމާ ގުޅޭގޮތުން އިސްލާމިކް ޖިހާދުން މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ.
އިސްލާމިކް ޖިހާދަކީ ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޣައްޒާގައި ހަމާސްއާ ގުޅިގެން އިސްތިއުމާރާ ދެކޮޅަށް ހަނގުރާމަކުރާ ޖަމާއަތެކެވެ.
ޔޫއެންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވި ފަހުން ވޭތުވެދިޔަ އެއް އަހަރު ތެރޭގައި އެކަނިވެސް އިޒްރޭލުން ވައިގެ މަގުންނާއި އެއްގަމު މަގުން 10,000 އަށްވުރެ ގިނަ ހަމަލާ ލުބުނާނަށް ދީފައިވެ އެވެ.




