އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ އަސްކަރީ ތަމްރީނުތަކެއް ހޮރްމުޒް ކަނޑުއޮޅީގައި ފަށައިފި އެވެ.
"ސްމާޓް ކޮންޓްރޯލް އޮފް ދަ ސްޓްރެއިޓް އޮފް ހޮރްމުޒް" ގެ ނަމުގައި ކުރިއަށްގެންދާ މި ތަމްރީނުތަކަކީ އެ ކަނޑުއޮޅީގެ ރައްކާތެރިކަން ދެމެހެއްޓުމުގައި އައިއާރުޖީސީގެ ކަނޑުގެ ސިފައިންގެ ތައްޔާރީ ހާލަތު ވަޒަންކުރުމަށް ބާއްވާ ހަރަކާތްތަކެއް ކަމަށް އީރާނުގެ ނިއުސް އެޖެންސީއަކުން ވަނީ ބުނެފަ އެވެ.
އީރާނުން މި އަސްކަރީ ތަމްރީންތައް ފަށާފައި މިވަނީ އީރާނުގެ ނިއުކްލިއާ މައްސަލައިގައި އެމެރިކާއާއެކު ބާއްވާ މުހިންމު މަޝްވަރާތަކުގެ ދެވަނަ ބުރުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ސްވިޒަލޭންޑުގެ ޖެނީވާއަށް ވަޑައިގެންފައި ވަނިކޮށެވެ.
މި މަޝްވަރާތަކުގެ މައިގަނޑު މަގުސަދަކީ ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކުޑަކޮށް، ސަރަހައްދީ ބޮޑު ހަނގުރާމައަކަށް މަގުފަހިވެދާނެ ފަދަ އަސްކަރީ ކުރިމަތިލުމަކުން ސަލާމަތްވުމެވެ.
މި މަޝްވަރާތައް އަލުން ފަށާފައިވަނީ ސަރަހައްދުގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. އެ ގޮތުން އެމެރިކާއިން ދަނީ ސަރަހައްދަށް އިތުރު އަސްކަރީ މަނަވަރުތަކާއި، މަތިންދާބޯޓު އުފުލާ ދެވަނަ މަނަވަރެއް ވެސް ފޮނުވަމުންނެވެ.




