ރައީސްގެ ހުށަހެޅުން: މަޖިލީހުގައި ޒުވާނުންނާއި އަންހެނުންނަށް 10 ޕަސެންޓް

ރައްޔިތުންގެ މަޖިލީހުގެ 10 އިންސައްތަ ގޮނޑި ޒުވާނުންނަށް އަދި 10 އިންސައްތަ ގޮނޑި އަންހެނުންނަށް ހާއްސަކުރުމަށް ވިސްނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިރޭ ވިދާޅުވީ މަޖިލީހުގެ ގޮނޑީގެ ވަކި އިންސައްތައެއް ކަނޑައެޅުމަށް ނިންމަވާ އެކަން އިއުލާނު ކުރެއްވުމުން އެކަމަށް ބައެއް ބޭފުޅުން ތާއިދު ކުރެއްވި ކަމަށާއި މިކަމާއި ދެކޮޅަށް ބައެއް ބޭފުޅުން ހިޔާލުފާޅު ކުރެއްވި ކަމަށެވެ.

"އަޅުގަނޑުގެ ވިސްނުމުގައި އޮތީ 10 ޕަސެންޓް ޒުވާނުންނަށް. 10 ޕަސެންޓް އަންހެން ބޭފުޅުންނަށް،" ރައީސް ވިދާޅުވި އެވެ.

މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ތިއްބަވާއިރު އާބާދީއާއެކު މަޖިލިސް މެންބަރުންގެ އަދަދު އިތުރުވުން ހުއްޓުވުމަށް ގަސްދުކުރައްވާ ކަމަށާއި އެއީ ގާނޫނީ ގޮތުން ގެނެވޭ އިސްލާހެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ޒުވާނުންނާއި އަންހެނުންނަށް ހާއްސަ ގޮނޑިތައް ހޮވާނެ ގޮތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުން ރަނގަޅު ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ހުށަހެޅުއްވީ ކައުންސިލްގެ އަންހެން ގޮނޑި ގުރުއަތުލައިގެން ހޮވާ ގޮތަށް ގުރުއަތުލައިގެން އެ ގޮތަށް ގޮނޑިތައް ކަނޑައެޅުމެވެ.

ނަމަވެސް، މިއީ ހިޔާލުތަކެއް ކަމަށާއި މިއީ ކަނޑައެޅި ގޮތް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *