ޗާގޯސް މޮރިޝަސްއަށް ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުން ބަލައިނުގަންނަކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް އިނގިރޭސި ސަރުކާރަށް އަންގަވާފައިވާ ކަމަށް ބީބީސީން ރިޕޯޓްކޮށްފި އެވެ.
ރައީސް އޮފީހުން ބީބީސީއަށް ފޮނުއްވި ބަޔާނަކާއި ހަވާލާދީ އެ ނޫހުން ބުނީ ޗާގޯސް މައްސަލައިގައި ރާއްޖޭގެ ކަންބޮޑުވުންތައް ދެ ފަހަރެއްގެ މަތިން ލިޔުމުން ހިއްސާކުރި ކަމަށެވެ. އަދި އިނގިރޭސިވިލާތުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ޑޭވިޑް ލެމީއާއެކު ފޯނުންވެސް ހިއްސާކުރި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ސަރުކާރުން ނިންމާފައިވާ ނިންމުންތަކާ ރާއްޖެއިން ވަނީ ދެކޮޅު ހަދާފަ އެވެ. އަދި ގާނޫނީ މާހިރުން ދެއްވާފައިވާ ލަފައާ އެއްގޮތަށް ރާއްޖޭގެ އިގުތިސާދީ ސަރަހައްދުން ދޫކޮށްލި ބައި ހޯދުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު މޮރިޝަސް އިން ވަނީ ރާއްޖެއާއެކު އޮތް ޚާރިޖީ ގުޅުން ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.
ޗާގޯސްގެ ރަށްތަކަކީ 19 ވަނަ ގަރުނުން ފެށިގެން އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ތަނެކެވެ. ނަމަވެސް މޮރިޝަސްއިން އެތަނުގެ މިލްކުވެރި ކަމަށް ވަކާލާތު ކުރަމުންދާތީ މިދިޔަ އަހަރު އިނގިރޭސި ސަރުކާރުން ވަނީ އެ ސަރަހައްދު މޮރިޝަސްއާ ހަވާލުކުރުމަށް އެއްބަސްވެފަ އެވެ.
މި އެއްބަސްވުމުގެ ދަށުން، އެތަނުގައި އޮންނަ އިނގިރޭސި-އެމެރިކާ އަސްކަރީ މަރުކަޒު ބޭނުންކުރުމަށް އަހަރަކު 101 މިލިއަން ޕައުންޑް އިނގިރޭސިވިލާތުން ދައްކާނެ އެވެ.
މޮރިޝަސްއާއެކު މިފަދަ އެއްބަސްވުމަކަށް ނައި ނަމަ، ބައިނަލްއަގުވާމީ ކޯޓުތަކުގެ ނިންމުންތަކުގެ ސަބަބުން އަސްކަރީ މަރުކަޒަށް ނުރައްކާވެދާނެ ކަމަށް އިނގިރޭސިވިލާތުގެ ލޭބަ ޕާޓީގެ ވަޒީރުން ގަބޫލުކުރެ އެވެ. ނަމަވެސް މި އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅު ހެއްދެވުމުން މި މަސައްކަތް މިހާރު ވަނީ މަޑުޖެހިފަ އެވެ.
ރައީސް އޮފީހުން ބީބީސީއަށް ފޮނުވި ސްޓޭޓްމަންޓްގައި ބުނީ ޗާގޯސްއަކީ ޒަމާނުއްސުރެ ރާއްޖެއާ ތާރީހީ ގޮތުން ގުޅިފައިވާ ތަނެއް ކަމަށެވެ. އަދި ޗާގޯސް ހޯދުމަށް ބައިނަލްއަގުވާމީ ގާނޫނުތަކުގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ.
މި ގޮތުން އައިސީޖޭއަށް މައްސަލަ ހުށަހެޅުމަށްޓަކައި އެކަން ކުރެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.
ޗާގޯސް މައްސަލައިގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފޮނުވި ސިޓީ އަނބުރާ ގެނެސްފައިވާ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.




