އިންތިހާބުގެ ސިއްރުކަން ގެއްލުވާލަން އުޅޭ ކަމަށް ތުހުމަތު ކުރައްވައިފި

ކުރިއަށް އޮތް އިންތިހާބުގެ ސިއްރުކަން ގެއްލޭ ގޮތަށް އަމަލުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަޝްވަރާ ކުރަމުންދާ ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ތުހުމަތު ކުރައްވައިފި އެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވިދާޅުވީ ވޯޓުލާން އަންނަ މީހާ ކުރެން ވޯޓުލާން ގަސްތުކުރަނީ ކޮން ކަމަކަށްތޯ އަހަން އީސީން ގަސްތުކުރާ ކަމަށެވެ.

"އީސީ އިން ހަމަޖައްސަން ގަސްތުކުރަނީ، ވޯޓުލާން އަންނަމީހާ ކުރެން ވޯޓުލާން ގަސްތުކުރަނީ ކޮން ކަމަކަށްތޯ އަހައި ސާފުކުރުމަށްފަހު 3 އިންތިހާބުގެ 3 ވޯޓު ކަރުދާހުގެ ތެރެއިން އެ މީހަކު ވޯޓުލާން ބޭނުން ކަމަށް އެ މީހުން ގާތުބުނާ ކަރުދާސްކޮޅު ދިނުމަށް،" ސުއޫދު ތުހުމަތު ކުރެއްވި އެވެ.

އެއްފަހަރާ ވޯޓު ނެގޭ ތިން ކަމުގެ ތިން ކަރުދާސްކޮޅު އެ މީހާ އަތަށް ދޭން އީސީ އިން ބޭނުން ނުވާ ކަމަށްވެސް ސުއޫދު ވިދާޅުވި އެވެ.

"ތިން ކަރުދާސްކޮޅު ދިނީމަ އެ މީހާގެ ކަމެއް ނޫންތޯ ލާނެ އެއްޗަކަށް ވޯޓުލުމަކީ،" ސުއޫދު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ހިޔާލު ހޯދުމުގެ އާންމު ވޯޓު ނަގާނީ އެޕްރީލް 4 ވަނަ ދުވަހު އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *