ކުރިއަށް އޮތް ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުތަކުގެ ސިއްރުކަން ގެއްލޭގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަމަލުކުރަން ނިންމާފައިވާ ކަމަށް ކުރެވުނު ތުހުމަތު އީސީ އިން ދޮގުކޮށްފި އެވެ.
އިންތިހާބުތަކުގެ ސިއްރުކަމާ ގުޅޭގޮތުން އީސީ އިން ދިފާއުގައި ވާހަކަދައްކާފައި މިވަނީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ކުރީގެ އުއްތަމަ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ސުއޫދު ވިދާޅުވީ ވޯޓުލާން އަންނަ މީހާ ކުރެން ވޯޓުލާން ގަސްތުކުރަނީ ކޮން ކަމަކަށްތޯ އަހަން އީސީ އިން ގަސްދުކުރާ ކަމަށެވެ.
"އީސީ އިން ހަމަޖައްސަން ގަސްދުކުރަނީ، ވޯޓުލާން އަންނަ މީހާ ކުރެން ވޯޓުލާން ގަސްދުކުރަނީ ކޮން ކަމަކަށްތޯ އަހައި ސާފުކުރުމަށްފަހު 3 އިންތިހާބުގެ 3 ވޯޓު ކަރުދާހުގެ ތެރެއިން އެ މީހަކު ވޯޓުލާން ބޭނުން ކަމަށް އެ މީހުން ގާތު ބުނާ ކަރުދާސްކޮޅު ދިނުމަށް،" ސުއޫދު ތުހުމަތު ކުރެއްވި އެވެ.
އެއްފަހަރާ ވޯޓު ނެގޭ ތިން ކަމުގެ ތިން ކަރުދާސްކޮޅު އެ މީހާ އަތަށް ދޭން އީސީ އިން ބޭނުން ނުވާ ކަމަށްވެސް ސުއޫދު ވިދާޅުވި އެވެ.
"ތިން ކަރުދާސްކޮޅު ދިނީމަ އެ މީހާގެ ކަމެއް ނޫންތޯ ލާނެ އެއްޗަކަށް ވޯޓުލުމަކީ،" ސުއޫދު ވިދާޅުވި އެވެ.
ސުއޫދުގެ ތުހުމަތަށް ރައްދު ދެމުން އީސީ އިން މިރޭ ބުނީ އެ ކޮމިޝަންގެ މަސައްކަތާ މެދު އާންމުންގެ މެދުގައި ސުވާލުއުފެދޭ ގޮތަށް، ހަގީގަތާ ޚިލާފު ދޮގު މައުލޫމާތު ފަތުރަމުންދާކަން ހިތާމައާއެކު ފާހަގަކުރާ ކަމަށެވެ.
"ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތަށް މި ކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ،" އީސީއިން މީޑިއާއަށް ފޮނުވި މެސެޖުގައި ބުންޏެވެ.
އީސީ އިން ބުނީ ވޯޓުލުމުގެ އެންމެހާ މަރުހަލާތައް ރޭވިފައިވަނީ ވޯޓުގެ ސިއްރުކަން އެއްވެސް މިންވަރަކަށް ނުގެއްލޭނެ ފަދަ ހަރުދަނާ އުސޫލުތަކެއްގެ މަތިން ކަމަށެވެ. ވަކި ގޮތަކަށް ނުވަތަ ވަކި ފަރާތަކަށް ވޯޓުލުމަށް، ކޮމިޝަނުން ކަނޑައަޅާފައިވާ އޮފިޝަލުން ނާންގާނެ ކަމަށާއި އަދި ހަމަޖެހިފައިވާ ގޮތަށް ކޮންމެ މީހަކަށްވެސް ތިން ކަރުދާސް އެމީހަކު ބޭނުންވާ ގޮތަކަށް ވޯޓުލުމަށް ދޫކުރާނެ ކަމަށްވެސް ބުންޏެވެ.
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ނަގާ ވޯޓެވެ.




