އިންތިހާބުތައް މިއަދު ކުރިއަށްދާ ގޮތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރިއަށް ގެންދަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު އާންމުން ދެކޭ ބެލުމުގެ ހިޔާލު ހޯދުމުގެ ވޯޓެވެ.
އިންތިހާބުތަކުގައި ވޯޓު ލެއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ އިންތިހާބުތައް ރަނގަޅަށް ކުރިއަށް ދިއުމަކީ ޑިމޮކްރަސީގެ ހަމަތައް ރަނގަޅަށް ހިނގުން ކަމަށާއި އެކަމާ އުފާކުރައްވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ކެމްޕޭނުގެ ހަރަކާތްތައްވެސް ކުރިއަށް ދިޔައީ ސުލުހަވެރިކަމާ އެކު ފޯރީގައި ކަމަށާއި ވޯޓުގެ ހުރިހާ ކަމެއްވެސް އެގޮތަށް ކުރިއަށް ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"އަޅުގަނޑުގެ ހިތަށް ވަރަށް އުފާވެރިކަމެއް ލިބޭ މަންޒަރުތަކެއް ޑިމޮކްރަސީ ހިނގަމުންދާ ތަން ފެންނަކަމީ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދައުލަތް ރަނގަޅަށް ހިނގައިގަނެ ދައުލަތް ތަނަވަސްވާނީ ޑިމޮކްރަަސީގެ ހަމަތައް ރަނގަޅަށް ހިންގައިގެން އަދި ނިޒާމު ރަނގަޅަށް ފައްކާކޮށްގެން ކަމަށެވެ. އެހެންވެ ނަޝީދު ވަނީ އިންތިހާބުތަކުގައި ވޯޓުލުމަށް އޮންނަ ހައްގުގެ ބޭނުން ހިފުމަށްވެސް ގޮވާލައްވާފަ އެވެ.




