ރައްޔިތުން މި ސަރުކާރަށް ނޫނެކޭ ބުނެފި ކަމަށާއި އެހެންވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްތިއުފާ ދޭންޖެހޭ ކަމަށް ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އެކްސްގައި އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ފައިސަލް ނަސީމް ވިދާޅުވީ އިއްޔެ ނެގި ހިޔާލު ހޯދުމުގެ ވޯޓަކީ ސަރުކާރަށް އިތުބާރު އޮތް ނުވަތަ ނެތްތޯ ބެލުމަށްޓަކައި ނެގުނު ވޯޓެއް ކަމަށެވެ.
"ރައްޔިތުން ބުނެފައި މިވަނީ ބޮޑުތަނުން މިސަރުކާރަށް ނޫނެކޭ. މިފަދަ ވަގުތުތަކުގައި އެންމެ ރަނގަޅު ގޮތަކީ އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ އިތުބާރު ނުކުރާ ސަރުކާރެއް އޮތުމުގެ ބަދަލުގައި މި ވަގުތު ހުރި ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވުމަށްފަހު އަވަސް އިންތިހާބަކަށް ދިއުން،" ފައިސަލް ވިދާޅުވި އެވެ.
އިއްޔެގެ އިންތިހާބުތަކުން ސަރުކާރު ބަލިވީ އެ އިންތިހާބުތައް ކާމިޔާބުކުރަން ސަރުކާރުން ނުފޫޒު ފޯރުވަމުން ދަނިކޮށް ކަމަށް ފައިސަލް ވިދާޅުވި އެވެ.
އިންތިހާބު ކާމިޔާބު ކުރުމަށް ސަރުކާރުން ދައުލަތުގެ ވަސީލަތްތައް ބޭނުންކުރި ކަމަށާއި އެ ގޮތުން އެތައް ހާސް ބަޔަކަށް ވަޒީފާ ދިން ކަމަށާއި އިންތިހާބު ކާމިޔާބު ކުރުމުގެ ބޭނުމުގައި އެތައްހާސް މަޝްރޫއެއް ފެށި ކަމަށް ފައިސަލް ވިދާޅުވި އެވެ.




