ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މިއަދު މަގާމުން ވަކިކޮށްފި އެވެ.
މުހައްމަދު ހުސައިން ޝަރީފު (މުންދު) އަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދުގެ ދަރިކަލުންނެވެ. އަދި ސަލްމާއަކީ އަސްމާގެ ކޮއްކޮ އެވެ.
އެ ދެ ބޭފުޅުން މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން ރަސްމީކޮށް ހާމައެއް ނުކުރެ އެވެ. ރައީސް އޮފީހުގައި އެމްބެސެޑަރުންގެ މައުލޫމާތު ޝާއިއުކޮށްފައިވާ ޕޭޖުން އެ ބޭފުޅުންގެ ނަން މިހާރު ވަނީ އުުނިކޮށްފަ އެވެ.
މުންދު އާއި ސަލްމާ ވަކިކޮށްފައި މިވަނީ ޕީއެންސީއަށް ވޯޓު ނުދިނުމަށް އެދިވަޑައިގެން އަސްމާ މީހަކާ ވާހަކަ ދައްކަވާ އޯޑިއޯއެއް ލީކުކޮށްލާފައި ވަނިކޮށެވެ.




