ގައުމާ މެދު ރައްޔިތުން ކުރާ ހަގީގަތަކަށް ހަދައިދެވޭނީ އެމްޑީޕީ އެކުގައި މަސައްކަތްކޮށްގެން ކަމަށް އެމްޑީޕީ އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.
ފައިސަލް ނަސީމު މިހެން ވިދާޅުވެފައި މިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުތަކުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަދައްކަން ފުރުސަތު ނުދިން ކަމަށް ބުނެ އެމްޑީޕީގެ މެންބަރުންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައި ވަނިކޮށެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ އިންތިހާބުތަކުން އެމްޑީޕީއަށް ކާމިޔާބު ލިބުނީ ޕާޓީގެ ލީޑަޝިޕާއި އާންމު މެމްބަރުން ކުރި ބުރަ މަސައްކަތުން ކަމަށެވެ. ހާއްސަކޮށް މިއީ ރައީސް ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއް އަމާޒަކަށް މަސަގއްކަތް ކުރެއްވުމުން ނިކުތް ނަތީޖާ ކަމުގައި ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ އެމްޑީޕީގެ ފަރާތުން ރައްޔިތުން މިވަގުތު ކުރާ އުއްމީދެއް އެބައޮތް ކަމަށާއި އެއީ ގައުމު އޮޔާދިޔަނުދީ ހެޔޮ މިސްރާބަށް ގެންދިޔުމަށް މަސައްކަތް ކުރުން ކަމަށެވެ.
"އަދިވެސް މިކަން ކުރެވޭނީ އެކުގައި މަސައްކަތް ކުރެވިގެން،" ފައިސަލް ވިދާޅުވި އެވެ.
ރައީސް ނަޝީދަށް ވާހަކަދައްކަވަން ފުރުސަތު ނުދިން މައްސަލައިގައި އެމްޑީޕީގެ ބައެއް އާންމު މެންބަރުން ގެންދަވަނީ ޕާޓީގެ ލީޑަޝިޕްގައި ހިމެނޭ ބޭފުޅުންގެ އިސްތިއުފާއަށް ގޮވަމުންނެވެ.




