ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ޖަލްސާއެއް ބޭއްވުމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ގޮވާލައްވައިފި އެވެ.
އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން އެމްޑީޕީން ރޭ ވަނީ ޖަލްސާއެއް ބާއްވާފަ އެވެ. ނަމަވެސް އެ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ދީފައިނުވާތީ އެ ޖަލްސާގައި ނަޝީދު ބައިވެރިވެ ވަޑައިނުގަންނަވަ އެވެ.
މާރިޔާ ވިދާޅުވީ އެމްޑީޕީގެ އާންމު މެންބަރުން ދެކެން ބޭނުންވީ ދެ ރައީސުން ރޭގެ ސްޓޭޖުގައި ވާހަކަ ދައްކަވާ ކާމިޔާބީގައި ދެ ރައީސުން ބައިވެރިވެ ވަޑައިގަންނަވާތަން ދުށުމަށް ކަމަށެވެ.
"ޒުވާން ކުދިން ބޭނުންވަނީ ދެ ރައީސުންނާއެކު ސެލްފީ ނަގާލަން. މުޅި ރާއްޖޭގެ ޑިމޮކްރަސީއަށް ލޯބިކުރާ އެންމެން ބޭނުންވޭ އެމްޑީޕީ އެކުގައި ގަދަކޮށް ފެނުން،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ ދެ ރައީސުންނާއެކު އަލުން މި ކާމިޔާބީ ގައުމީ ލެވަލްއެއްގައި ފާހަގަކުރާތަން ފެންނަން އެމްޑީޕީގެ މެންބަރުން އެދޭ ކަމަށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓްގައި މާރިޔާ ވަނީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ކިބައިން މިކަމަށް އެދިވަޑައިގެންފަ އެވެ.




