ރައީސް ނަޝީދަށް ފުރުސަތު ދޭން މަސައްކަތް ކުރިން: ޣަފޫރު

ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން އެޕާޓީން ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ހަމަޖެއްސުމަށް މަސައްކަތް ކުރެއްވި ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި ބުނީ ރޭގެ ޖަލްސާގެ އެޖެންޑާ ފުރަތަމަ އެކުލަވާލިއިރު ކުރީގެ ރައީސް ނަޝީދަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ދޭން ނިންމި ކަމަށެވެ. ނަމަވެސް ފަހުން އެޖެންޑާ ބަދަލުކުރީ ކަމަށް ބުނެފައިވެ އެވެ.

ރޭގެ ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގެންފައި ނުވެ އެވެ. ރައީސް ނަޝީދަށް ހާއްސަކުރި ގޮނޑި ހުރީ ޖަލްސާ ނިމުނުއިރުވެސް ހުސްކޮށެވެ.

އާޓިފިޝަލް ބީޗްގައި ރޭ ބޭއްވި ޖަލްސާއަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުލްޣަފޫރު ވިދާޅުވީ ރޭގެ އެޖެންޑާގައި ހަމަޖެހިފައި އޮތީ ޕާޓީގެ ރައީސް އާއި ޕާޓީގެ ޗެއާޕާސަން އާއި ސިޓީތަކުގެ މޭޔަރުންނާއި ޑަބްލިއުޑީސީގެ ރައީސުންނާއި ކެމްޕެއިން ކޮމިޓީގެ މެނޭޖަރާއި ރިފަރަންޑަމް ކޮމިޓީގެ ޗެއާ ވާހަކަ ދައްކާ ގޮތަށް ކަމަށެވެ.

"ޖަލްސާގައި ވާހަކަ ދައްކަވަން ކުރީގެ ޗެއާ ފަޔާ (ފައްޔާޒް އިސްމާއީލް) އާއި ރައީސް ނަޝީދު އެދިވަޑައިގެންނެވި. އެބޭފުޅުންނަށް އެ ފުރުސަތު ހަމަޖެއްސުމަށް އަޅުގަނޑު މަސައްކަތް ކުރަމުންދަނިކޮށް، މަސްލަހަތު ގެއްލޭ ގޮތަށް ތި ފެތުރުއްވި ވާހަކަތަކާ ގުޅިގެން އަޅުގަނޑު ހިތާމަ ކުރަން،" އަބްދުލްޣަފޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކާމިޔާބީއާއެކު ބަދަހިކޮށް ޕާޓީ ބޭއްވުމަށް ހުރިހާ މެންބަރުން އެއްބާރުލުން ދޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *