އީރާނާއި އެމެރިކާއާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވިކަމުގެ ޚަބަރާއެކު، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ އެވެ.
ހަނގުރާމަ ހުއްޓާލުމުގެ އިއުލާނާއެކު މާކެޓްތަކަށް ހެޔޮ ބަދަލުތަކެއް އައިސް ތެލުގެ އަގު ދަށްވި ނަމަވެސް، މި އެއްބަސްވުން ދެމިއޮންނާނެ ކަމާމެދު އަދި ޔަގީންކަމެއް ނެތެވެ.
ސަބަބަކީ މިކަން ބިނާވަނީ އީރާނާއި އިޒްރޭލުގެ އިތުރުން މިކަމުގައި ހިމެނޭ އެހެނިހެން ފަރާތްތަކުން މި އެއްބަސްވުމަށް އަމަލުކުރާ މިންވަރުގެ މައްޗަށް ކަމަށްވާތީ އެވެ.
ތެލުގެ އަގަށް މިހާރު ބަދަލުތަކެއް އައި ނަމަވެސް ފެބްރުއަރީ މަހުގެ ފަހުކޮޅާ އަޅާބަލާއިރު އަދިވެސް ތެލުގެ އަގު ހުރީ ނިސްބަތުން މަތީގަ އެވެ.
ހަނގުރާމަ ހުއްޓާލުމުގެ ޚަބަރާއެކު އެމެރިކާގެ ސާފުނުކުރާ ތެލުގެ އަގު 16 ޕަސެންޓް ދަށަށް ގޮސް، ފީފާއެއްގެ އަގު 94.59 ޑޮލަރަށް ވަނީ ތިރިވެފަ އެވެ. ހަމައެއާއެކު، ބްރެންޓް ކުރޫޑްގެ އަގު 15 ޕަސެންޓް ދަށަށް ގޮސް، ފީފާއެއްގެ އަގު ވަނީ 92.35 ޑޮލަރަށް ތިރިވެފަ އެވެ.




