މީރާގެ ވެރިޔަކަށް ފުރަތަމަ ފަހަރަށް އަންހެނެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ގދ. ގައްދޫ، ކޯޒީރައުންޑް، ފާތިމަތު އަމީޒާ އައްޔަންކުރައްވައިފި އެވެ.

މީރާގެ ފުރަތަމަ އަންހެން ކޮމިޝަނާ ޖެނަރަލްގެ މަގާމަށް އަމީޒާ އައްޔަންކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މީރާގެ ވެރިޔާގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އަމީޒަ ވަނީ މީރާގައި 16 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފަ އެވެ. އެ އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމުވެސް ފުރުއްވާފައިވާ، އަމީޒާ ވަނީ ޓެކްސްގެ ސިޔާސަތުތައް އިސްލާހުކުރުމާއި، މުއައްސަސާ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމާއި، މުޅި މުއައްސަސާގެ ފެންވަރުގައި އާމްދަނީ އިތުރުކުރުމުގެ ރޮނގުން މަސައްކަތްކުރައްވާފަ އެވެ.

އަމީޒާގެ ހިދުމަތުގެ ދިގު މުއްދަތުގައި، މީރާގެ އެންފޯސްމަންޓް ޑިވިޒަންގެ އިސްވެރިއެއްގެ ހައިސިއްޔަތުން، ޑޭޓާ އެނަލިޓިކްސް އަދި ހެކީގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތައް ބޭނުންކުރައްވައިގެން ނުލިބި ހުރި ޓެކްސް އަދި ޓެކްސް ނޫން އާމްދަނީ ހޯދުމުގެ މަސައްކަތް އެންމެ މަތީ ދަރަޖައަކަށް ގެންގޮސްދެއްވާފައިވެ އެވެ.

އަމީޒާ ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ މެލޭޝިއާ އިން މާސްޓަ އޮފް ސައިންސް އިން އެކައުންޓިން އަދި އޮކްސްފޯޑް ބްރޫކްސް ޔުނިވަސިޓީއިން ބެޗެލާސް ޑިގްރީ އިން އެޕްލައިޑް އެކައުންޓިން ހާސިލްކުރައްވާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *