ހ. ޝީރީންވިލާގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ސާބިތުވި ދައުވާތައް ހައިކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ދައުލަތުން ޝާހިލްގެ މައްޗަށް ކުރި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި، އޮރިޔާން ކާޑު ގެންގުޅުމުގެ އިތުރުން މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނެބިސް ބޭނުންކުރުމުގެ ދައުވާ އެވެ.
ދައުލަތުން ބައެއް ދައުވާތައް ހާމަކޮށްފައި ނުވާތީ އާއި މިމައްސަލައިގެ ޝަރީއަތްތައް ސިއްރުކޮށްގެން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާތީ މައްސަލައިގެ ގިނަ މައުލޫމާތުތަކެއް ނޫސްވެރިންނަށް ނުލިބެ އެވެ.
ޝާހިލްގެ މައްޗަށް ސާބިތުވި ދެ ދައުވާއާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އޭނާ ތިން އަހަރާއި އެއް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ.
ބާކީ ހުރި ދައުވާތަކުގެ ހުކުމް އަދި އިއްވާފައެއް ނުވެ އެވެ.
ޝާހިލްގެ މައްޗަށް ސާބިތުވި ޖަލު ހުކުމްތައް އިސްތިއުނާފް ކުރި ނަމަވެސް ހައިކޯޓުން މައްސަލަ ބަލައިގަތުމާ މެދު އަދި ވަކިގޮތެއް ނިންމި ކަމެއް އެނގިފައެއް ނުވެ އެވެ.
ހ. ޝީރީންވިލާގެ ނުވަވަނަ ފަންގިފިލާގައި ޝިއާއު މަރާލާފައި އޮއްވާ ފެނުނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ހަވަނަ ދުވަހުގެ ރެ އެެވެ.




