ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސްޕޭން ހޯދައިފި އެވެ.
އެމެރިކާގައި ކުރިއަށްދިޔަ ފައިނަލް މެޗުގައި ސްޕޭނުން 1-0ގެ ނަތީޖާއަކުން މޮޅުވެ ތަށި ހޯދީ މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީއާ ވާދަކޮށެވެ.
މިއީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ފުޓްބޯޅަ ލީގު އޮންނަ ސްޕޭނުން ވޯކްޑްކަޕް ކާމިޔާބު ކުރި ދެވަނަ ފަހަރެވެ.
ނިއު ޔޯކުގެ ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާތައްވެސް އުފެއްދީ ސްޕޭނުންނެވެ. އެ ޓީމުން މެޗުގައި ޖެހި ހަމައެކަނި ލަނޑު ޖެހީ މެޗުގެ 90 މިނެޓުގެ ކުޅުން ނިމި، އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފަހު ހާފުގައެވެ.
ސްޕޭންގެ ތާރީހީ ގޯލް އެ ޓީމަށް ޖަހައިދިނީ މެޗުގެ 106 ވަނަ މިނެޓުގައި ފެރާން ޓޮރޭޒް އެވެ.
ފައިނަލް މެޗުގެ ދެވަނަ ހާފުގައި ސްޕެއިންގެ ކައުންޓަ އެޓޭކެއް ހުއްޓުވަން އާޖެންޓީގެ އެންޒޯ ފެނާންޑޭޒް، ސްޕެއިންގެ ކުބާސީ އަށް ފައުލު ކުރުމުން ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާވެސް ލިއެވެ.
ފައިނަލް މެޗު ބައްލަވާލެއްވުމަށް މިފަހަރުގެ ވޯލްޑްކަޕް ބޭއްވި ތިން ގައުމުގެ ވެރިން ކަމަށްވާ މެކްސިކް، ކެނަޑާ އަދި އެމެރިކާގެ އިސްވެރިން ސްޓޭޑިއަމަށް ވަޑައިގެންނެވި އެވެ. އަދި ސްޕޭންގެ ރަސްގެފާނާއި ބޮޑުވަޒީރުވެސް ފައިނަލް މެޗު ބައްލަވާލެއްވުމަށް ސްޓޭޑިއަމަށް ވަޑައިގެންނެވި އެވެ. އެކަމަކު އާޖެންޓީނާގެ ރައީސް ސްޓޭޑިއަމަށް ވަޑައިގެންފައެއް ނުވެ އެވެ.




