ރާއްޖޭގެ 42 ރަށެއްގެ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމާގުޅޭ އެއްބަސްވުމެއްގައި ރާއްޖެއާއި އިންޑިއާއިން ސޮއިކޮށްފި އެވެ.
އިންޑިއާގެ ހިލޭ އެހީގެ ދަށުން ހިންގާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) ގެ ދަށުން 42 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރީ ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖީ. ބާލަސުބްރަމާނިއަން އެވެ. އަދި މި މަޝްރޫއު ތަންފީޒުކުރާ ސަރުކާރުގެ މުއައްސަސާގެ ފަރާތުން ސޮއިކުރެއްވީ ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ މި ސެންޓަރުތަކަށް ސާމާނު ފޯރުކޮށް ދިނުމަކީ ރަށްރަށުގެ ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ.
މިނިސްޓަރު ރާފިއުގެ ވިދާޅުވީ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަކީ ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދޭ، އިޖުތިމާއީ ގުޅުން ބަދަހިކޮށްދޭ އަދި މުޖުތަމައުގެ ދުޅަހެޔޮކަމަށް މަސައްކަތްކުރާ މުހިންމު މަރުކަޒުތަކަކަށް ވެގެންދާނެ ކަމަށެވެ.




