ސަބްސިޑީއަށް މި އަހަރު ކުރި ހޭދަ 3.1 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓަށް ބަލާއިރު މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ސަބްސިޑީއަށް 3.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ސަބްސިޑީއަށް ހޭދަކުރި 1.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 86 ޕަސެންޓް އިތުރު މިންވަރެކެވެ. ސަބްސިޑީއަށް މި އަހަރުގެ ބަޖެޓުގައި ކަނޑައެޅީ 2.8 ބިލިއަން ރުފިޔާ އެވެ.
ސަބްސިޑީ ހޭދަ އިތުރުވުމުގެ ސަބަބެއްގެ ގޮތުގައި ފިނޭންސް މިނިސްޓްރީން ފާހަގަކުރީ ތެލާއި ކަރަންޓުގެ ސަބްސިޑީއަށް ކުރި ހަރަދު އިތުރުވުމެވެ.
އެގޮތުން ތެލުގެ ސަބްސިޑީއަށް މިދިޔަ އަހަރު 702.1 މިލިއަން ރުފިޔާ ހޭދަކުރިއިރު މި އަހަރު އެ އަދަދު 1.8 ބިލިއަން ރުފިޔާއަށް އުފުލުނު ކަމަށް ފިނޭންސް މިނިސްޓްރީން ފާހަގަކުރި އެވެ.
ތެލުގެ ސަބްސިޑީއަށް ކުރާ ހަރަދު އިތުރުވެފައި ވަނީ މެދުއިރުމަތީގެ ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ސާފުކުރި ތެލުގެ އަގު ބޮޑުތަނުން އިތުރުވުމުން ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
މީގެ އިތުރުން ކަރަންޓުގެ ސަބްސިޑީއަށް ކުރި ހަރަދުވެސް 341.3 މިލިއަން ރުފިޔާއިން 626.7 މިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށާއި ކުނި މެނޭޖްކުރުމުގެ ސަބްސިޑީއަށް ކުރި ހޭދަ 33.9 މިލިއަން ރުފިޔާއިން 90.6 މިލިއަން ރުފިޔާއަށް އިތުރުވި ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި ދަތުރުފަތުރުގެ ސަބްސިޑީއަށް މިދިޔަ އަހަރު 128.5 މިލިއަން ރުފިޔާ ހޭދަކުރިއިރު، މި އަހަރު އެ އަދަދު ވަނީ 201.6 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އަދި ކާބޯތަކެތީގެ ސަބްސިޑީއަށް ކުރި ހޭދަ 199.4 މިލިއަން ރުފިޔާއިން 243.9 މިލިއަން ރުފިޔާއަށް ވަނީ މަތިވެފަ އެވެ.
މި ދާއިރާތަކުން ހޭދަ އިތުރުވި ނަމަވެސް، މަސްވެރިކަމުގެ ސަބްސިޑީއަށް ކުރި ހަރަދު 207.4 މިލިއަން ރުފިޔާއިން 83.1 މިލިއަން ރުފިޔާއަށް ދަށްވެފައިވާ ކަމަށާއި ނަރުދަމާގެ ހިދުމަތުގެ ސަބްސިޑީއަށް ކުރި 67.8 މިލިއަން ރުފިޔާގެ ހޭދައަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.




