ކުޑަކުދިން މިސްކިތައް އަހުލުވެރިކުރުވަން އައްޑޫގައި ޕްރޮގްރާމެއް ފަށަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
އެ ކައުންސިލުން ބުނީ މީ މިސްކިތްތަކުގެ ޖަމާއަތް އިތުރުކުރުމާއި، އިސްލާމީ ރިވެތި އަހްލާގް ކުދިންގެ ހިތްތަކުގައި އަށަގެންނެވުމުގެ މަޤްސަދުގައި ފަށާ ޕްރޮގްރާމެއްކަމަށެވެ.
މީދޫ އަވަށު އޮފީހާއި ޔޫސުފް ނާއިބް ފައުންޑޭޝަން ގުޅިގެން ”ކޮންމެ ކުއްޖަކީ މިސްކިތުގެ އަހުލުވެރިއެއް“ ނަމުގައި ފަށާ މި ޕްރޮގްރާމް ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ 1 މަސްދުވަހަށްކަމަށް ކައުންސިލުން ބުނެއެވެ.
މިޕްރޮގްރާމްގައި އަމަލީގޮތުން ވުޟޫކުރަން ދަސްކޮށްދިނުމާއި، ނަމާދުގައި ކިޔާ ތަކެއްޗާއި ހަރަކާތްތަކުގެ އިތުރުން އިސްލާމީ ރިވެތި އަދަބުތައް ކުދިންނަށް ދަސްކޮށްދޭނެކަމަށް ކައުންސިލުން ބުނެއެވެ. އަދި މިޕްރޮގްރާމްގައި ކުދިންނަށް ކިޔާވާދޭނީ މީދޫގެ މިސްކިތްތަކުގެ އިމާމުންނާއި ޝައިހުންކަމަށްވެސް ކައުންސިލުން ބުނެއެވެ.
މިޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު 7 އަހަރާއި 16 އަހަރާއި ދެމެދުގެ ފިރިހެން ކުދިންނަށް ހުޅުވާލާފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.
“ ވީމާ، މިޕްރޮގްރާމް ގައި ކުދިން ބައިވެރިކުރެއްވުމަށް ޝައުގުވެރިވާ ބެލެނިވެރިން 2025 އެޕްރީލް 30 ވަނަ ދުވަހުގެ 14:00 ގެ ކުރިން ނަން ނޯޓު ކުރެއްވުމަށް 7786362 ނުވަތަ 7789041 ނުވަތަ 9954042 އަށް ގުޅުއްވުން އެދެން.“ ސިޓީ ކައުންސިލުން ކުރި އިއުލާންގައިވެއެވެ.
މިޕްރޮގްރާމް ކުރިއަށް ގެންދާނީ ސެންޓާ ފޮރ ޝަމްސުއްދީން އިސްލާމިކް ލާނިން ސެންޓަރުގައިކަމަށްވެސް ކައުންސިލުން ބުނެއެވެ.




