ގަރާޖް ސިޓީ އާއިއެކު ނޫނީ ވެހިކަލް އެތެރެ ނުކުރެވޭ ގޮތް ހަދައިފި

ބައެއްކަހަލަ އުޅަނދުތައް ރާއްޖެ އެތެރެކުރުމުގެ ކުރިން ގަރާޖު ކުރުމުގެ ހުއްދައިގެ ލިޔުން ހުށަހަޅަންޖެހޭގޮތް ހަދައިފިއެވެ.
މިގޮތަށް ހަމަޖައްސާފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ގެޒެޓު ކޮށްފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދަށް ގެނައި 6 ވަނަ އިސްލާހު ގައެވެ.

އެ އިސްލާހުގައި ބުނެފައިވަނީ، ރަޖިސްޓްރީކުރާ އެއްގަމު އުޅަނދުގެ ތެރެއިން 2 ފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި އެހެން ހުރިހާ އުޅަނދެއް ރާއްޖެ އެތެރެކުރުމުގެ ކުރިން އެ އުޅަނދެއް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ޓްރާންސްޕޯޓު މިނިސްޓްރީން ނަގަންވާނެކަމަށެވެ. އަދި ނަގަންޖެހޭ ހުއްދަތަކުގެ ތެރޭގައި އެތެރެކުރާ އުޅަނދު ގުދަންކުރުމަށް ހަމަޖެހިފައިވާ ގަރާޖުގެ ނުވަތަ ޝޯރޫމުގެ ނުވަތަ ގުދަނުގެ ހުއްދައިގެ ކޮޕީއެއް ހުށައަޅަންޖެހޭނެކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

ކުރިން އޮންނަ ގޮތުންނަމަ، ރާއްޖެއަށް އެތެރެކުރާ އުޅަނދުތައް އެތެރެކުރުމުގެ ކުރިން ގަރާޖު ލިޔުން ހުށަހަޅާކަށް ނުޖެހެއެވެ.
މިފަދަ އިސްލާހެއް ސަރުކާރުން ގެނެސްފައި މިވަނީ، އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ގަވާއިދަށް ފެއްތުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިއަދު އާންމުކުރި އިސްލާހުގައިވަނީ ރާއްޖެއަށް އެތެރެކުރެވޭ އުޅަނދުތަކުގެ ތަފުސީލުތައް ވެސް ހިމަނާފައެވެ. އެ ގޮތުން 250 ކިއުބިކް ސެންޓިމީޓަރު ނުވަތަ އެއަށްވުރެ ދަށުގެ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލު ރާއްޖެ އެތެރެކުރުން މަނާކޮށްފައިވާއިރު އުފެއްދި ތާރީހުން ފެށިގެން 3 އަހަރު ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލު ވެސް ރާއްޖެ އެތެރެކުރުން ވަނީ މަނާކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *