ކުރުސީ އެކައުންޓުގެ ފަހަތުގައި ހުރި މީހާ އެނގޭ: ރަޝިއާ

ކާކުކަން ނޭނގޭ ގޮތަށް ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި "ހަސަން ކުރުސީ" ގެ ނަމުގައި ހިންގަމުން އަންނަ އެކައުންޓުގެ ފަހަތުގައި ހުރި މީހާ އެނގޭ ކަމަށް ރަޝިއާއިން ހާމަކޮށްފި އެވެ.

ރަޝިއާއިން ސްރީލަންކާ އާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލިވަން އެސް ޖަގަރްޔަން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރުސީ އެކައުންޓުން އެ ގައުމާ ގުޅޭގޮތުން ކޮށްފައިވާ ޕޯސްޓުގެ ފަހަތުގައި ހުރީ ކާކުކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

ކުރުސީގެ ނަމުގައި އެކައުންޓް ހިންގަނީ ޔޫރަޕުގެ ގައުމެއްގައި މިވަގުތު ފިއްލަވައިގެން ހުންނެވި ރާއްޖޭގެ ކުރީގެ ހައި-ރޭންކް ސިޔާސީ ބޭފުޅެއް ކަމުގައި ސަފީރު ވިދާޅުވި އެވެ.

ކުރުސީ އެކައުންޓުގެ ފަހަތުގައި ހުރި މީހާ އެނގޭ ކަމަށް ރަޝިއާއިން ބުނިއިރު، ފުލުހުން ވަނީ އެ އެކައުންޓް ހިންގާ މީހާ ހޯދުމަށް ތަހުގީގެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ތަހުގީގު ހިންގާފައި ވަނީ އެ އެކައުންޓުގެ ވެރިފަރާތް ހޯދައިދޭން ކުރީގެ ރައީސް މުހައްމަދު ނަޝީދު މައްސަލަ ހުށަހެޅުއްވުމާ ގުޅިގެންނެވެ. މައްސަލަ ހުށަހެޅުއްވީ އެ އެކައުންޓު ހިންގަނީ އެމަނިކުފާނު ކަމަށް ކުރެވުނު ތުހުމަތުތަކާ އެކުގަ އެވެ.

ތަހުގީގާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *