ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ 3 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ 3 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. އެ ވުޒާރާގެ ފަރާތުން ކުރިއަށްގެންދާ އެންމެ މުހިންމު އެއް ތަމްރީން ޕްރޮގްރާމްތަކަމަށްވާ ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ 3 ވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި އަދި ޖޫންމަހުގެ ތެރޭގައެވެ.

ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ޕްރޮގްރާމުގެ 3 ވަނަ ބުރުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި އުޅޭ ދަރިވަރުންނަށްވެސް ބައިވެރިވެވޭނެއެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ތަމްރީނުގައި ބައިވެރިވެވޭނީ ގުރޭޑު 10،11،12 ގައި ކިޔަވާ ނުވަތަ ކިޔެވުން ނިމި 18 އަހަރު ފުރިފައިނުވާ ފަރާތްތަކަށްކަމަށެވެ. މި ތަމްރީނުގައި ބައިވެރިވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ، ސްކޫލުގައި އުޅޭ ނަމަ ސްކޫލުގައި އުޅޭކަމުގެ ލިޔުން އަދި 18 އަހަރު ނުފުރޭނަމަ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަން އަންގައިދޭ ލިޔުން ހުށަހަޅަންޖެހެއެވެ.

މި ތަމްރީނު ފުރިހަމަކޮށް ޚަޠީބުކަމުގެ ސަނަދު ދޫކުރެވޭނީ ޒުވާން ޚަޠީބު އިންޓަވިޔު ނިންމާ، ޓްރެއިނިންގ ސެޝަންތަކުގެ ހުރިހާ ސެޝަންއަކަށް ހާޒިރުވެ ލިޔުމުގެ އިމްތިހާނުންވެސް ފާސްވާ ބައިވެރިންނަށްކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މި ތަމްރީނުގައި މާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ފޭސްޓު-ފޭސްކޮށް ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ރަށްރަށުގައި އަދި ރާއްޖެއިން ބޭރުގައި އުޅޭ ދަރިވަރުންގެ ސެޝަންތައް އޮންނާނީ އޮންލައިންކޮންނެވެ.

މި ތަމްރީނުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 10 މޭ 2025 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން ހުށައަޅަންޖެހޭނެއެވެ.

ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އިސްނެންގެވުމާއެކު ވުޒާރާއިން މި ދައުރުގެ ތެރޭގައި ކުރިއަށް ގެންދާ އެންމެ ކާމިޔާބު އެއް ޕްރޮގުރާމުކަން ފާޙަގަކޮށްލެވެއެވެ.

މި ޕްރޮގުރާމުގެ ފުރަތަމަ ދެބުރަށްވެސް ބޮޑު ތަރުޙީބެއް ލިބިފައިވާއިރު ވުޒާރާއިން އަމާޒު ހިފާފައިވަނީ މި 5 އަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން އުފެއްދުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *