ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓުތައް 45 ދުވަހުގެ ތެރޭގައި ނިންމުމަށް ދިން މުއްދަތު ހަަމަވިއިރު ވެސް މަސައްކަތް ނުނިންމާތީ، އެ ކުންފުންޏާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެކު ވެފައިވާ އެއްބަސްވުން ބާތިލްކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.
އެޗްޑީސީން އެއްބަސްވުން ބާތިލްކޮށްފައިވަނީ ގޯސްކޮށް ކަމަށް ބުނެ ޖާހު އިންވެސްޓްމަންޓުން މައްސަލަ ހުށަހަޅާފައިވަނީ ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނަށެވެ. ޖާހުގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅީ އެޗްޑީސީން މިދިޔަ އަންގާރަ ދުވަހު ބިމާ ހަވާލުވާން ތައްޔާރުވެފައި ވަނިކޮށް، އޭގެ ދެ ދުވަސް ކުރިންނެވެ.
ޖާހުގެ ފަރާތުން ވަނީ އެޗްޑީސީން ބިމާ ހަވާލުވުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދިފަ އެވެ. އަދި މައްސަލައިގެ ތެރެއަށް އެޗްޑީސީ ވަދެ، ކޯޓުން ވަގުތީ އަމުރު ނެރެދޭންޖެހޭނެ ހާލަތެއް ނެތްކަމަށް އެ ކުންފުނިން ކޯޓުގައި ވަކާލާތުކޮށްފައިވެ އެވެ.
ސިވިލް ކޯޓު ހުޅުމާލެ ޑިވިޝަނުން އަންގާފައިވަނީ ވަގުތީ އަމުރު ނެރެދިނުމާއި މެދުގައި އެންމެ ލަސްވެގެން އަންނަ އާދީއްތަ ދުވަހުގައި ގޮތެއް ނިންމާނެ ކަމަށެވެ.




