އީރާނަށް ނިއުކްލިއަރ ހަތިޔާރު ދޭން ގިނަ ގައުމުތަކެއް ތައްޔާރަށް ތިބިކަން ރަޝިއާއިން އިއުލާން ކޮށްފި

އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް ހަމަލާދިނުމާ ގުޅިގެން، އީރާނަށް ނިއުކްލިއަރ ހަތިޔާރު ފޯރުކޮށްދިނުމަށް ގިނަ ގައުމުތަކެއް ތައްޔާރަށް ތިބިކަމަށް ރަޝިއާގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއަރމަން އަދި އެ ކައުންސިލުގެ ކުރީގެ ރައީސް ދިމިޓްރީ މެދްވެދެވް ވިދާޅުވެއްޖެއެވެ.

އެމެރިކާއިން ހޮނިހިރު ދުވަހު އީރާނަށް ދިން ހަމަލާއާ ގުޅިގެން މެދްވެދެވް ވަނީ އެކްސްގައި ސިލްސިލާ ޕޯސްޓްތަކެއް ކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އީރާނުގެ ނިއުކްލިއަރ މެޓީރިއަލް އެންރިޗްކުރުމުގެ މަސައްކަތާއި، ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

އީރާނުގެ ފޮރިން މިނިސްޓަރ އައްބާސް އަރަޤްޗީ ވަނީ ރަޝިއާގެ ރައީސް ވްލަދިމީރ ޕުޓިންއާ ބައްދަލުކުރުމަށް މޮސްކޯއަށް ދަތުރުފުޅެއް ކުރައްވާނެކަމަށް އިއުލާނުކުރައްވާފައެވެ. މި ބައްދަލުވުމުގައި އެމެރިކާގެ ހަމަލާއަށް އީރާނުން ދޭނެ ޖަވާބަކާ މެދު މަޝްވަރާކުރެވޭނެކަމަށް ބެލެވެއެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީން ވަނީ އެމެރިކާގެ ހަމަލާތައް ކުށްވެރިކޮށް، މިއީ ބައިނަލްއަޤްވާމީ ޤާނޫނާ ހިލާފު ޢަމަލެއްކަމަށް ބުނެފައެވެ. އަދި މިނިވަން ދައުލަތެއްގެ ސަރަޙައްދަށް މިސައިލް އަދި ބޮމުގެ ހަމަލާ ދިނުމަކީ އދ. ގެ ޗާޓަރާއި ސެކިއުރިޓީ ކައުންސިލްގެ ޤަރާރުތަކާ ހިލާފު ކަމެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

އީރާނުގެ ފޮރިން މިނިސްޓަރ އަރަޤްޗީ ވިދާޅުވެފައިވަނީ އެމެރިކާގެ މި ހަމަލާގެ ސަބަބުން "ދާއިމީ ނަތީޖާތަކެއް" ކުރިމަތިވާނެ ކަމަށެވެ. އަދި އދ. ގެ ޗާޓަރާއި އެއްގޮތްވާ ގޮތުގެ މަތިން، އަމިއްލަ ދިފާޢުގައި ޖަވާބުދާރީވުމުގެ ހުރިހާ އޮޕްޝަންތަކެއް އީރާނަށް ލިބިގެންވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *