އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ރަޝިއާ ބާކީކުރުމަށް ގެންގުޅޭ ސިޔާސަތުގެ ތެރެއިން ރަޝިއާގެ ގޭހާއި ތެޔޮ ގަތުން ހުއްޓާލުމަށް ހުޅަނގުން ގޮވާލާ ފިއްތުންތައް ކުރިމަތި ކުރުވި ނަމަވެސް އެކަން ހުއްޓާނުލާނެ ކަމަށް ޗައިނާ ސަރުކާރުން ބުނެފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި މާލީ ވަޒީރު ސްކޮޓް ބެސެންޓް ވަނީ ޗައިނާއިން ރަޝިއާއާއެކު ކުރާ ތެލުގެ ވިޔަފާރި ހުއްޓާނުލައިފިނަމަ އަދަބު ދިނުމުގެ ގޮތުން 100 އިންސައްތައިގެ ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީ ޗައިނާއާ ދެކޮޅަށް ނަގަން ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.
އެމެރިކާގެ އިންޒާރުތަކާ ގުޅިގެން ޗައިނާ ސަރުކާރުން ބުނެފައިވަނީ އެމެރިކާއިން ކިތަންމެ ވަރަކަށް އިންޒާރު ދިން ނަމަވެސް ރަޝިއާއާ އެއްކޮށް ކުރަމުން އަންނަ ވިޔަފާރީގެ މުއާމަލާތްތއް މިހާރެކޭވެސް އެއްގޮތަށް ހުއްޓުމެއްނެތި ކުރިއަށް ދާނެ ކަމަށެވެ.
ރަޝިއިން ތެލާއި ގޭސް އެންމެ ގިނައިން ގަންނަ ގައުމަކީވެސް ޗައިނާ އެވެ. ރަޝިއާގެ ތެލުގެ އާމްދަނީގެ 47 ޕަސަންޓަކީ ޗައިނާއާއެކު ކުރާ ވިޔަފާރިން ހޯދާ އާމްދަނީ އެވެ.
މީގެކުރިން ޔޫރަޕުގެ ގިނަ ގައުމުތަކުން ރަޝިއާއިން ތެޔޮ ގަތް ނަމަވެސް ޔޫކްރޭން ހަނގުރާމައާ ގުޅިގެން ޔޫރަޕުން ވަނީ ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅެއްގެ ގޮތުން ރަޝިއާ އިން ތެޔޮގަތުން ހުއްޓާލާފަ އެވެ. އެހެންކަމުން މިވަގުތު އެންމެ ގިނައިން ރަޝިއާއިން ތެޔޮ ގަންނަ ދެ ގައުމަކީ ޗައިނާ އަދި އިންޑިއާ އެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އިންޑިއާއަށް ވެސް އަދަބު ދެއްވަން ނިންމަވައި އެކަން އިއުލާންކުރައްވާފަ އެވެ. އިންޑިއާ އިން އެމެރިކާއަށް އެތެރެކުރާ މުދަލުންވެސް 25 ޕަސަންޓްގެ ޓެރިޕް ނަގާނެކަން ވަނީ އިއުލާންކޮށްފަ އެވެ.
ޓްރަމްޕް ވިދާޅުވީ އިންޑިއާއަކީ ރަހުމަތްތެރިއެއް ކަމަށާއި އެހެންނަމަވެސް އަދަބު ދޭން މަޖުބޫރުވެއްޖެ ކަމަށެވެ. ރަޝިއާއިން ހަތިޔާރާއި ތެޔޮ އެންމެ ގިނައިން ގަންނަ އެއް ގައުމަކީ އިންޑިއާ ކަމަށާއި އެކަން ހުއްޓާލަންދެން އަދަބު ދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.




