ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމަ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ނިންމާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި މުއްދަތު ރަޝިއާގެ ރައީސް ވްލެޑިމިއަ ޕޫޓިން ބަލައިނުގަންނާނެ ކަމަށް ރޮއިޓާސް އިން ރިޕޯޓުކޮށްފި އެވެ.
ރޮއިޓާސް އިން ބުނި ގޮތުގައި ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް ދެއްވި އިންޒާރު ޕޫޓިން ބަލައިނުގަންނާނެ ކަމަށް ބެލެވެނީ އޭނާ މިހާރުވެސް ސަމާލުކަން ދެއްވަނީ ޔޫކްރެއިންގެ ޑޮނެސްކް، ލުހާންސްކް، ޒަޕޮރިޒްހިއާ އަދި ކަރްސޮން ފަދަ ސަރަހައްދުތައް ހިސޯރުކޮށްގެން ތިބެން ކަމަށްވާތީ އެވެ.
ހުޅަނގުގެ ބޮޑެތި ބާރުތަކުން ރަޝިއާއަށް ހަރުކަށި ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު ދީފައިވީ ނަމަވެސް ޕޫޓިން ވަނީ މި ސަރަހައްދުތަކުގެ މައްޗަށް ރަޝިއާގެ ކޮންޓްރޯލް އިތުރަށް ގަދަ ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. މި ސަރަހައްދުތަކަކީ ޔޫކްރެއިންގެ އިރުމަތީ އަދި ދެކުނުގެ މުހިއްމު ސަރަހައްދުތަކެކެވެ.
ޓްރަމްޕް ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅާ ހަމައަށް ހަނގުރާމަ އެއްކޮށް ނިންމާނުލައިފިނަމަ ރަޝިއާގެ މައްޗަށް 100 އިންސައްތައިގެ ޓެރިފްތަކެއް އަޅާނެ ކަމަށެވެ. އަދި ރަޝިއާއާ އެކު ވިޔަފާރި ކުރާ ފަރާތްތަކަށްވެސް ފިޔަވަޅު އަޅާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
ރަޝިއާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިޔާ ޒަޚާރޯވާ ވިދާޅުވީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް ރަޝިއާ އިން ގަބޫލުނުކުރާނެ ކަމަށެވެ.




