އަފްޣާނިސްތާނަށް މިއަދު ފަތިހު އައި ބާރުގަދަ ބިންހެލުމެއްގައި 622 މީހުން މަރުވެ 1,500އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެ އެވެ.
ރިކްޓާ މިންގަނޑުން 6.0 ގައި ރެކޯޑުކުރެވުނު މި ބިންހެލުމުގެ ސަބަބުން އަފްޣާނިސްތާންގެ އިރުމަތީ ސަރަހައްދުގައި ހިމެނޭ ކޫނާރާއި ނަންޣަރްހަރް ޕުރޮވިންސަށާއި ހާއްސަކޮށް ޚޯސްޓް އަދި ޕަކްޓީކާ ޕުރޮވިންސްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
ބިންހެލުމުގެ ސަބަބުން ގިނަ އިމާރާތްތަކަކަށް ގެއްލުންވެ ބައެއް އިމާރާތްތައް ބިމާހަމަވެ ގިނަ ބަޔަކު އެ ތަންތަނުގައި ދަށުވެފަ އެވެ.
އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލްތަކަށް ގެންދިއުމުގެ މަސައްކަތް ސަރުކާރުގެ އިދާރާތަކުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތަކުން ދަނީ ކުރަމުންނެވެ.
ބިންހެލުމުގައި އަސަރުކުރި ސަރަހައްދުތަކަކީ ހަނި މަގުތަކާއި ފަރުބަދަތަކުގެ ސަބަބުން ދަތުރުފަތުރުކުރުން ދަތި ތަންތަން ކަމުން ސަލާމަތީ މަސައްކަތްތަކަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފަ އެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން މަރުވި މީހުންގެ އަދަދު 1000 އަށް ވުރެ މައްޗަށް އެރުމުގެ ފުރުސަތު އެބައޮތެވެ.
މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި އަފްޣާނިސްތާނަށް ކުރިމަތިވި އެންމެ ނުރައްކާތެރި އެއް ބިންހެލުމެވެ. މިހާރު ވެސް ވަސީލަތްތަކާއި މާލީ ދަތިކަން ކުރިމަތިވެފައިވާ އަދި އިންސާނީ ކާރިސާއެއްގެ ތެރޭގައި އޮތް އަފްޣާނިސްތާނަށް މިބިން ހެލުމުގެ ސަބަބުން އިތުރު ގޮންޖެހުންތަކަކާ ކުރިމަތިވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ބޭރުގެ އެހީ ހުއްޓާލުމާ ގުޅިގެން އެ ގައުމަށް މިހާރުވެސް ބޮޑު މާލީ ދަތިކަމެއް ކުރިމަތިވެ، މިލިއަނަކަށް ވުރެ ގިނަ މީހުންނަށް ކާނާގެ ދަތިކަން ކުރިމަތިވެފައިވެ އެވެ.
ބިންހެލުމާ ގުޅިގެން އަފްޣާނިސްތާނުގެ ވެރިކަން ކުރާ ތާލިބާން ސަރުކާރުން ވަނީ ބައިނަލްއަގްވާމީ މުޖުތަމައުގެ އެހީތެރިކަމަށް އެދިފަ އެވެ. އދ އާއި ބައިނަލްއަގްވާމީ އެހީދޭ ޖަމިއްޔާތަކުން ދަނީ މި ހާދިސާއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވަމުންނެވެ.




