އިޒުރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދީފައިވާ ފަނާކުރަނިވި ހަމަލާތަކުގެ ސަބަބުން ސުންނާފަތިވެ ހަލާކުވެފައިވާ އެ ސަރަހައްދު އަލުން ބިނާކުރުމަށް ގާތްގަނޑަކަށް 52 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ފައިސާ ބޭނުންވާނެ ކަމަށް އދ އިން ލަފާކޮށްފި އެވެ.
މިކަން ހާމަކުރީ އދގެ އޮފީސް ފޯ ޕްރޮޖެކްޓް ސާވިސަސް (ޔޫއެންއޯޕީއެސް)ގެ ޑިރެކްޓާ ޖޯޖް މޮރެއިރާ ޑަ ސިލްވާ އެވެ.
އޭނާ ވިދާޅުވީ ޣައްޒާގެ އިންފްރާސްޓްރަކްޗާގެ 80 އިންސައްތަ ހަލާކުކޮށްލާފައިވާ ކަމަށާއި، މި ވަގުތު އެންމެ އިސްކަންދޭންޖެހޭ ކަމަކީ ހަލާކުވެފައިވާ އިމާރާތްތަކުގެ ކުނިބުންޏާއި ހިރިގާތައް ނައްތާލައި ސާފުކުރުން ކަމަށެވެ.
މީގެ ދެ އަހަރު ކުރިން 7 އޮކްޓޯބަރު، 2023 ވަނަ ދުވަހުން ފެށިގެން އިޒުރޭލުން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 66،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިޒުރޭލުގެ ހަމަލާތައް ގިނައިން އަމާޒުކުރަނީ އާންމު ރައްޔިތުން ދިރިއުޅޭ އިމާރާތްތަކާއި، ހޮސްޕިޓަލްތަކާއި، އަސާސީ ހިދުމަތްދޭ މުއައްސަސާތަކަށެވެ.
އިޒުރޭލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ބޮޑު ސަރަހައްދެއް ވަނީ ސުންނާފަތިވެ، ވީރާނާ ވެފަ އެވެ. އެތައް ލައްކަ ރައްޔިތުންނަށް އެމީހުންގެ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާއިރު، އެއްތަނުން އަނެއް ތަނަށް ބަދަލުވާން ޖެހިފައިވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
އދ.ގެ ކޯޑިނޭޝަން ބޮޑީ ކަމަށްވާ ސައިޓް މެނޭޖްމަންޓް ކްލަސްޓާ އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، މިދިޔަ ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހުން 27 ވަނަ ދުވަހާ ހަމައަށް ޣައްޒާގެ 57،638 މީހުން ގެދޮރު ދޫކޮށް، އެ ސިޓީގެ އުތުރުން ދެކުނަށް ދަތުރުކޮށްފައިވެ އެވެ.




