އީރާނުގައި ކުރަމުންދާ މުޒާހަރާތަކުގެ ބައިވެރިންނާ ދެކޮޅަށް އަޅާ ފިޔަވަޅުން އެމެރިކާއިން ހަމަލާއެއް ދީފިނަމަ ރައްދުދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި އެވެ.
އީރާނުގެ ސަރުކާރާ ދެކޮޅަށް އެގައުމުގައި މުޒާހަރާ ކުރަމުންދާއިރު ސަލާމަތީ ބާރުތަކުން ދިން ހަމަލާތަކުގައި މުޒާހަރާގެ އެތައް ސަތޭކަ ބަޔަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނުގެ ލީޑަރުން އޭނާއަށް ގުޅުއްވި ކަމަށާއި މަޝްވަރާ ކުރަން ބޭނުންވާކަން ހާމަކުރެއްވި ކަމަށެވެ. އެހެން ނަމަވެސް އޭގެ ކުރިން ފިޔަވަޅެއް އަޅަންޖެހިދާނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް ތަފުސީލެއް ހާމައެއް ނުކުރައްވަ އެވެ.
މިކަމާ ގުޅިގެން އީރާންގެ ޕާލިމެންޓްގެ ރައީސް ވަނީ އެމެރިކާއިން ހަމަލާއެއް ދީފިނަމަ އިޒްރޭލާއި އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި މުދާ އުފުލާ ބޯޓުތައް އަމާޒުފަތްގަނޑަކަށް ވާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.
މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އީރާނުގެ ސަލާމަތީ ބާރުތަކުން ލައިވް ވަޒަން ބޭނުންކުރާ ކަމަށާއި އެ ގައުމު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިފަހުން ފެށުނު މުޒާހަރާތަކުގައި މުޒާހަރާގެ 495 ބައިވެރިން ވަނީ މަރުވެފަ އެވެ. ސަލާމަތީ ބާރުތަކުގެ 48 މީހަކު މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާއިރު ފާއިތުވި ދެ ހަފުތާގެ ތެރޭގައި 10,600 މީހުން ހައްޔަރުކޮށްފައިވާ ކަމަށްވެ އެވެ.




