ގަދަ ފިނީގެ ސަބަބުން ޣައްޒާއިން ތުއްތު ކުދިން މަރުވަނީ

ގަދަ ފިނީގެ ސަބަބުން ޣައްޒާއިން ތުއްތު ކުއްޖަކު މަރުވެއްޖެ އެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ސުންނާފަތި ކޮށްލާފައިވާ ޣައްޒާގައި ގަދަ ފިނީގެ ސަބަބުން މަރުވީ ދެ މަހުގެ މުހައްމަދު އަބޫ ހަރުބިދް އެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީގެ ހެލްތު އިންފޮމޭޝަން ޑިރެކްޓަރު ޒާހިރު އަލް-ވާހިދީ ބުނި ގޮތުގައި އެ ތުއްތު ކުއްޖާ މަރުވީ ކުޑަކުދިންގެ ހޮސްޕިޓަލެއްގައި ފިނީގެ ސަބަބުން ހަށިގަނޑުގެ ފިނިހޫނުމިން އާދަޔާހިލާފަށް ދަށްވެގެންނެވެ.

ޣައްޒާއަށް ކުރިމަތިވެފައިވާ ގަދަ ވިއްސާރައާއި ފިނި ގަދަވަޔާއެކު ގެދޮރު ގެއްލިފައިވާ އެތައް ހާސް އާއިލާއެއް ވަނީ އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގަ އެވެ.

ނުސީރާތު ރެފިއުޖީ ކޭމްޕްގައި ހުންނަ އަލް-އައުދާ ހޮސްޕިޓަލުގައި ދުވަސް ނުފުރާ ވިހާ ކުދިންގެ ފުރާނަ ސަލާމަތް ކުރުމަށް ނިއޯނޭޓަލް ވޯޑެއް މި އަހަރު އަލަށް ހުޅުވި ނަމަވެސް ވަސީލަތް ނެތް ކަމަށް އެ ހޮސްޕިޓަލްގެ އޮފިޝަލުން ވިދާޅުވި އެވެ.

އެ ގޮތުން ބައެއް އިންކިއުބޭޓަރުތަކުގައި ބެޓެރި ނުހުންނަ ކަމަށާއި ޣައްޒާއަށް އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން އިންކިއުބޭޓަރުތައް ވައްދަނީ ބެޓެރި ނެގުމަށްފަހު ކަމަށް ހޮސްޕިޓަލްގެ އޮފިޝަލެއް ވިދާޅުވި އެވެ.

ހޮސްޕިޓަލުން އިރުއިރުކޮޅާ ކަރަންޓު ކެނޑޭއިރު މިއީ އެ ކުދިން މެރުމަށް އިޒްރޭލުން ގަސްތުގައި ހިންގާ ޖަރީމާއެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *